ތަރައްްޤީ

ހުޅުދެލީ ބަނދަރުގެ މަސައްކަތް އަންނަމަހު ނިމޭނެ : އެމްޓީސީސީ


ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަމަހު ނިމޭނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

ހުޅުދެލީ ބަނދަރު ބޮޑުކޮށް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2020ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރުދުވެލީގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %82 މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މަޝްރޫޢުގެ ސައިޓަށް ވަނީ ގެންގޮސްފައެވެ. ބަނދަރުގެ މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، އަންނަމަހުގެ 22ހާ ތާނގައި މިމަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއްވައެވެ.

ހުޅުދެލީ ބަނދަރުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންގެ ހުވަފެންތަކާގުޅިފައިވާ ވަރަށް އުއްމީދީ މަޝްރޫޢެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހުޅުދެލީ ކައުންސިލުގެ ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، އެރަށަކީ މަސްވެރިކަންކުރާ ރަށަކަށްވެފައި ރަށުގެ އާބާދީއާއި، ބޭނުންކުރާ އޮނޑިދޯނިފަހަރާއި އަޅަބަލާއިރު، މިހާރު ބޭނުންކުރާ ބަނދަރަކީ ޖާގައިގެގޮތުން އެކަށީގެންވާ ބަނދަރެއް ނޫންކަމަށެވެ. އަދި ބަނދަރުގެ ޖާގަކުޑަވުމުގެ ސަބަބުން ބޮޑެތި އުޅަނދުފަހަރަށް ވަދެނިކުތުމަށާއި، އުޅަނދުފަހަރު ބަނދަރުގައި އަޅާފައި ބޭއްވުމަށް ދަތިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބަނދަރުގެ ޖާގައިގެ ކަންކަން ހުރިގޮތުން ބައެއް ފަހަރު ބޮޑެތި އުޅަނދުފަހަރު ވިލުތެރޭގައިވެސް އަޅާފައި ބާއްވަންޖެހޭ ޙާލަތު އަންނަކަމަށެވެ. އެހެންކަމުން ޖާގައިގެގޮތުން ތަނަވަސް، ޒަމާނީ ބަނދަރެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުންދިޔަ ހުވަފެނުގައި ހަޤީޤީ ކުލަޖެހެމުންދާ މަންޒަރު ފެނުމުން އުފާވާކަމަށާއި، މިއީ ރަށަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް އެތައް ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫޢެއްގެގޮތުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

"މިހާރު މި ބޭނުންކުރާ ބަނދަރަކީ ގާތްގަނޑަކަށް 150 ފޫޓު 300 ފޫޓު ޖާގައިގެ ބަނދަރެއް. މަސްވެރިންގެވެސް އަދި ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ލަފާފުރުމުގެ ދަތިކަން ހުރުމާއެކު. ފުދޭވަރަކަށް ގިނަ ދޯނިތަކެއް ހުޅުދެލީގައިވެސް އެބަހުރި. އަލަށް މި ހެދޭ ބަނދަރާއެކީގައި މިކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ. ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތާއި، ސްޕީޑާމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ." ނާޒިމް ވިދާޅުވިއެވެ.

ހުޅުދެލީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން 49,612 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 1,645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރެވިގެންދާނެއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 39.8 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.