ޚަބަރު

ބަޖެޓް ލިބުމުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރެވޭނެ: އަލީ ނިޔާޒް


ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެވޭނީ ބަޖެޓް ލިބިގެންކަމަށާއި، ބަޖެޓް ހޯދުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްކޮށް، އެކަމަށް ހައްލު ހޯދައި ދެއްވާނެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުން ދޫކޮށްފައިވާ ބާރުތަކުގެ ތެރެއިން ހުޅުމާލޭގެ އިޚްތިޞާސްގައި ހިމެނޭ އެންމެހައި ކަންކަން ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް ހުޅުމާލެއަކީ އެޗްޑީސީގެ ބެލުމުގެ ދަށުން ހުރިހާ ޚިދުމަތެއް ދެމުންދާ ތަނަކަށްވާއިރު، ޤާނޫނުގައި ސިޓީ ކައުންސިލަށް ދީފައިވާ ބާރުތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ދަނީ ސިޓީ ކައުންސިލުން ފާޅު ކުރަމުންނެވެ.

މިމައްސަލާގައި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ޤާނޫނުގައި ބުނާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހައި ކަންކަން ކުރުމުގެ ބާރުވެރިކަން މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ދޫކުރާނެކަމަށެވެ. ނަމަވެސް މިހާރު އެކަން ކުރުމަށް ދިމާވެފައިވާ ދައްޗަކީ ބަޖެޓް ނެތުންކަމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުމަށް 70 މިލިޔަން ރުފިޔާ ބޭނުންވާއިރު އެފައިސާއަކީ ބަޖެޓްގައި ޖެހިފައި ނެތް ފައިސާއެއްކަމަށް ނިޔާޒު ފާހަގަ ކުރެއްވިއެވެ. މާލެ ސިޓީ ކައުންސިލުގައި އޮތީ މާލޭގެ ޚިދުމަތް ދިނުމަށް 17 މިލިޔަން ރުފިޔާ ކަމަށާއި، މިއަދަދަކީ ހުޅުމާލޭގައި މިހާރު ދެމުންދާ ޚިދުމަތް ދިނުމަށް އެކަށީގެންވާ މިނަވަރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ބާކީބައިގައިވެސް ސިޓީ ކައުންސިލްގެ ދައުރެއް އޮންނަ ގޮތަކަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދެވޭނެ ފަދަ އެއްބަސްވުމަކަށް މަޝްވަރާ ކުރެވެމުންދާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

"މިވަގުތަށް އަދިވެސް ހައްލަކީ، އެޚިދުމަތް ކައުންސިލްގެ ތެރެއިން ފޯރުކޮށްދޭކަމަށްވާނަމަ، އެޗްޑީސީއާއިއެކު އެއްބަސްވުމަކަށް ދިއުން. އެހެން ނަމަވެސް އެއީ ދަމިއީ ހައްލެއްނޫން. ދާއިމީ ހައްލަކަށްވާނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކަށް ބޭނުންވާ ބަޖެޓް ޖެހުން. އެކަން ކުރުމަށްޓަކައި މަސައްކަތް ކޮށްދޭނަން." އަލީ ނިޔާޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ދިނުމަށް ޤާނޫނީ ގޮތުން މާބޮޑު މައްސަލައެއް އޮތްކަމަށް ނުދެކޭކަމަށާއި، ޤާނޫނަށް ބަދަލު ގެނެސް ހައްލު ހޯދާ ހިސާބަށް އަދި ނުދާކަމަށްވެސް އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ވިސްނުމަކީ މާލެ ސިޓީ ކައުންސިލަށް ޤާނޫނުން ބުނާ ބާރުވެރިކަން ދިނުން ކަމަށާއި، އެކަން ކުރެވޭނީ ބަޖެޓާއި، މުވައްޒިފުންވެސް ސިޓީކައުންސިލަށް ލިބޭނެ މަގު ފަހިކޮށް ދީގެންކަމަށް ނިޔާޒް ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް މިހާރު ދެމުންދާ ގޮތަށްވުރެ ޚިދުމަތް ދޭވަރު ދަށްވުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫންކަމަށާއި، ޚިދުމަތް އިތުރަށް ފުޅާވުމަކީ ހުޅުމާލޭގެ ރައްޔިތުންވެސް ބޭނުންވާ ގޮތްކަމަށް މެމްބަރު ނިޔާޒް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ގެންނަންޖެހޭ ދާއިމީ ހައްލު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތަށް ބޭނުންވާ ބަޖެޓް ސިޓީ ކައުންސިލަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ.