ތަރައްްޤީ

އެއް އަހަރުތެރޭ މުރައިދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއަށް


ހއ.މުރައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކާ ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 50 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 105 މީޓަރުގެ ރިވެޓްމަންޓްޖަހާ، 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި 9 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.

މުރައިދޫ ބަނދަރުގެ މަސައްކަތަށް 33.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. އާބާދީގައި ގާތްގަނޑަކަށް 450 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މުރައިދޫއަކީ ޒަމާނީ ބަނދަރެއް ނެތުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ.