ކޯވިޑް-19

ޖަޕާނުން އެސްޓްރާޒެނެކާ ވެކްސިންގެ 112،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި


ޖަޕާން ސަރުކާރުން އެސްޓްރާޒެނެކާ ވެކްސިންގެ 112،000 ޑޯޒް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާންގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުންނެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް މި ވެކްސިން ހަދިޔާކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ވެކްސިނާއި ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ނަސީމް ވަނީ ޖަޕާން ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވެކްސިންގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް މިނިސްޓަރ ނަސީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާނުން ފޯރުކޮށްދިން މިވެކްސިންއާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަންވެސް މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތްތަކަށްވެސް ލިބިގެންދާ އިތުރު ކުރިއެރުމެއްކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ. ޖަޕާން ސަފީރު ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19 މެނޭޖްކޮށް، މި ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް ވަނީ ތަޢުރީފުކުރައްވާފައެވެ.

މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ 4 ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި އޮގަސްޓްމަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޖަޕާނުން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭފުޅުންނާއި، ޑަބްލިޔު.އެޗް.އޯ، އެމް.އެން.ޑީ.އެފް އަދި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.