ގދ.ގައްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ތާރުއެޅުމުގެ މަސައްކަތް އަންނަ ނޮވެމްބަރުމަހު ތެރޭ ފެށޭވަރުވާނެކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އާރް.ޑީ.ސީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ ދަށުން އެރަށުގެ ރިންގްރޯޑް ހިމެނޭހެން ބޮޑު 6 މަގެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.
ގައްދޫ މަގު ހެދުމުގެ މަސައްކަތް އާރް.ޑީ.ސީއާއި ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 6 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ފަށާފައިވާއިރު، މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް އާރް.ޑީ.ސީން މިވަގުތުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ ރިންޑްރޯޑުކަމަށްވާ ވަތަބަނޑޭރި މަގުގެ ސައިޑްވޯކް ކޮނެ، ޝަޓަރިންގެ %93 މަސައްކަތް ނިމި، ކޮންކްރީޓް ކީވޯލްގެ %35 މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށޭވަރުވާނެކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށްބަލާނަމަ މި މަޝްރޫޢު އެއްކޮށް ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައިކަމަށްވެސް މޫސާ އަލިމަނިކު ވިދާޅުވިއެވެ.
"މިވަގުތުވެސް ކޭބަޕް ޖަންކްޝަނާއި ލައިޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. އޭގެ %95 ވަރު ނިމިފައި އެވަނީ. ޕޭވިންގ މަސައްކަތް މިވަގުތު ކުރިއަށް އެދަނީ ޖުމްލަކޮށް. ކޮންކްރީޓް ކީވޯލްއާއި ޝަޓަރިންގ މަސައްކަތްވެސް ކުރިއަށްއެބަދޭ. މަގުތަކުގައި ތާރުއެޅުމާއި ހިސާބަށް އަޅުގަނޑުމެންނަށް މި ލަފާކުރެވެނީ ނޮވެމްބަރުމަހުގެ ތެރޭގައި" މޫސާ އަލިމަނިކު ވިދާޅުވިއެވެ.
ގައްދޫ މަގުތަކުގެ ޙާލަތު އެހާގޯސް ނުވިނަމަވެސް ބައެއް މަގުތަކުގައި ވެހިކަލު ދުއްވަން އުނދަގޫވުމާއި، ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާކަމުގެ ޝަކުވާއަކީ އެ ރަށު ރައްޔިތުން ދުވަސްތަކެއްވަންދެން ކުރަމުންދިޔަ ޝަކުވާތަކެކެވެ. މަގުހެދުމުގެ މަޝްރޫޢާއެކު އެ ޝަކުވާތަކަށް ނިމުމެއްއައިސް، ރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ގައްދޫ ކައުންސިލުންވެސް ފާހަގަކުރައްވައެވެ.
75 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން، ޓްރެފިކް ނިޝާންތައް ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. ގައްދޫއަކީ ގދ. އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެވެ.