ލ.އިސްދޫ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.
ލ.އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ، ބަނދަރުގެ ޖާގައިތުރުކުރުމާ ޒަމާނީ ބަދަލުތައް ބަނދަރަށްގެނެސް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. އިސްދޫގެ ބަނދަރުގެ މަސައްކަތް އެމްޓިސީސީއާ ޙަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
އިސްދޫގެ ބަނދަރުގެ ދަތިކަމާ ގުޅޭގޮތުން އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ވިދާޅުވީ، މީގެކުރިން އެންމެ ބޮޑަށް ކުރިމަތިވި މައްސަލައަކީ ބަނދަރުގެ ޖާގައިގެ ދަތިކަންކަމަށެވެ. އެރަށުގައި ކުރިން ބޭނުންކުރީ 400 ފޫޓުގެ ބަނދަރެކެވެ. ނަމަވެސް ރަށަކީ މަހަށްދާ އޮޑި ދޯނިފަހަރު ގިނަ ރަށަކަށްވުމާއި މާލެ ދަތުރުކުރާ ބޯޓުތަށްވެސް ގިނަ ރަށަކަށްވާތީ ބަނދަރުގެ ޖާގަ ވަރަށް ދަތިކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުއާއެކު ޖާގައިގެ މައްސަލަ ޙައްލުވެ އުޅަނދުތަކުން ރަށަށް އަރައިފޭބުމާއި މުދާ ބޭލުމުގެ ކަންކަން ކުރުމަށްވެސް ފަސޭހަވެފަވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް މަހަށްދާ 7 ދޯނި އެބައޮތް. އަދި މާލެ ދަތުރުކުރާ 4 ބޯޓު އޮވޭ. ބަނދަރަށް ޖާގަ އިތުރުކުރުމާއެކު ޖާގައިގެ މައްސަލަ ޙައްލުވެފަމިވަނީ. ކުރިއަށް އޮތް 10ވަރަކަށް އަހަރަށް ބަނދަރުގެ ދަތިކަން ނައިސް ބޭނުންކުރެވޭނެކަމަށް ލަފާކުރެވެނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އިސްދޫ ބަނދަރު ބޮޑުކޮށް އިތުރަށް ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. މި މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ލ.އިސްދުއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ކައުންސިލާވަނީ ބައްދަލުކުރައްވާފައެވެ.
"ކޯވިޑްގެ މި ޙާލަތުގަވެސް އިސްދޫ ބަނދަރުގެ މަސައްކަތް މިއީ ވަރަށް އަވަހަށް ނިންމާލެވުނު މަސައްކަތެ. އަހަރެއްޙަ ދުވަސްތެރޭ މި ނިންމީ. މަސައްކަތުގައި ބަނދަރު ފުންކުރުމާއި ބޭރު ތޮށި ލުމާއި ރޭމްޕްވެސް ހިމެނޭ." އާޒިމް ވިދާޅުވިއެވެ.
އިސްދޫގެ ބަނދަރު ތަރައްޤީކޮށްފަވަނީ އެއްގަމު ތިއްޓާއި ބޭރު ތޮށި ބްރިޖަކުން ގުޅާލާގޮތަށެވެ. އެރަށުގައިވަނީ 253 މީޓަރުގެ ބޭރު ތޮއްޓެއްވެސްލާފައެވެ. އަދި ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތީގެ މަސައްކަތްތައް ހިމެނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން 34.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.