ތިމާވެށި

ވެލިގަނޑު ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މަޑުޖައްސާލަން އަންގަވައިފި


އއ.ވެލިގަނޑު ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މަޑު ޖައްސާލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އީޕޭއީން ނެރުއްވި ބަޔާނެއްގައި ވަނީ އއ.ވެލިގަނޑު އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދާ މަސައްކަތަކުގެ ސަބަބުން ރިސޯޓުގެ ފަޅުން ބޭރަށް ސެޑިމެންޓް ޕްލޫމް ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް ސެޑިމެންޓްގެ އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ލިބިފައިވާކަމަށެވެ. ސެޑިމެންޓްގެ އަސަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، މަޝްރޫޢުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް އެ މަސައްކަތް ކުރާ ފަރާތަށް އީޕީއޭއިން ވަނީ އަންގަވާފައެވެ.

މިކަމާގުޅިގެން ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކާއެކު މި މައްސަލަ އިތުރަށް ބަލަމުންދާކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.

މަސައްކަތް މަޑުޖައްސާލުމަށް އަންގަވާފައި މިވަނީ އެސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުންވާތީ އއ.ރަސްދޫގެ ކައުންސިލާއި އެ ސަރަހައްދުގައި ޓޫރިޒަމް ވިޔަފާރި ހިންގާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.