ތަރައްްޤީ

ޑިޒައިން އެންޑް ބިލްޑް އުޞޫލުން މަޝްރޫޢުތައް ހަވާލުކުރުމުން މަސައްކަތް އަވަސްވޭ: ޕްލޭނިންގ


ޢުމްރާނީ ތަރައްޤީއަށް ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ކުންފުނިތަކާ އެވޯޑްކުރަމުން ދަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މިއާއެކު ސައިޓްތަކުގައި ޢަމަލީ މަސައްކަތް ނުފެށި ލަސްވާކަމުގެ ކަންބޮޑުވުން ބައެއް އާއްމުން ފާޅުކުރެއެވެ. ނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް ޑިޒައިން އެންޑް ބިލްޑް އުޞޫލުުން ކޮންޓްރެކްޓްކުރުމުން، މަޝްރޫޢުތައް ނިންމުމަށް ހޭދަވާ މުއްދަތު ކުޑަކުރެވިގެންދާކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއެވެ.

ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކަކީ ސީދާ ޕްލޭނިންގ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން ހިންގާ މަޝްރޫޢުތަކެކެވެ. މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައިވެސް ރައްޔިތުންނާއި ގުޅުންހުރި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވެއެވެ. މީގެތެރެއިން ޕްލޭނިންގ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަޝްރޫޢުތައް ފަހަކަށް އައިސް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރަމުންދަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މިގޮތަށް ޙަވާލުކުރުމުން، ސަރުކާރުން ސީދާ މުޅި މަޝްރޫޢު ޑިޒައިންކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރަށްވެސް އެ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި މަޝްރޫޢުތައް ޑިޒައިންކޮށް ހިންގުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު ވިދާޅުވީ، ސީދާ ކޮންސްޓްރަކްޝަނަށް މަޝްރޫޢުތައް ހުޅުވާލާނަމަ، އެއްބަސްވުމަކާ ހިސާބަށް ދިއުމަށް އެ ހޭދަވާ މުއްދަތު ދިގުލައިގެންދާކަމަށެވެ. އަދި ޑިޒައިންކޮށް ނިންމާ، ޓެންޑަރ މަރުހަލާގެ ތެރެއިން ކޮންޓްރެކްޓަރާ ޙަވާލުކުރެވޭ ހިސާބަށްދާއިރު، ގިނަ ފަހަރަށް މަސައްކަތް ކުރާ ސައިޓުތަކަށްވެސް ބަދަލުތައް އައިސްފައި ހުންނަަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އަލުން މުޅި މަޝްރޫޢު ޑިޒައިންކޮށް ޓެންޑަރަށް ހުޅުވާލަންޖެހޭ ފަހަރުވެސް އަންނަކަމަށް ޝާނާ ވިދާޅުވިއެވެ. އެހެންކަމުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ޙަވާލުކުރުމުން އެ ރިސްކު ކުޑަކުރެވި، މަޝްރޫޢުތަކަށް ހޭދަވާ މުއްދަތު ސަލާމަތްކުރެވޭކަމަށް ޝާނާ ވިދާޅުވިއެވެ.

"މި ދެ ވައްތަރުގައި ހުރި ތަފާތަކީ ޑިޒައިންކުރަން އެދާ މުއްދަތު. ކުރީގައި މި ގުނަނީ ކޮންޓްރެކްޓަރ ސޮއިކުރުމުގެ ކުރިއަށް ކޮންސްޓްރަކްޝަން ކޮންޓްރެކްޓް ތަކުގައި ޑިޒައިން މާކުރިން ކޮށް ނިންމާފައި ސައިޓަށް މިދަނީ މާފަހުން. އެ ހިސާބަށްދާއިރު ސައިޓު ވަރަށް ގިނަ ފަހަރަށް މި ހުންނަނީ ބަދަލުވެފައި. އަލުން ބަލުން އަނެއްކާވެސް ޑިޒައިނަށްދާން ޖެހޭ ފަހަރުތައްވެސް އާދޭ. ޑިޒައިން އެންޑް ބިލްޑަށް ހުޅުވާލީމަ ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު 6 މަސްވަރު އެބަ ހޭދަވޭ މި މަސައްކަތަށް. އެހެންވީމަ ސައިޓުގައި ފެނުން ލަސްވެދާނެ. އެ ޝަކުވާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު އެބައާދޭ. އެހެންނަމަވެސް އެ ހޭދަކުރާ މުއްދަތަކީ ކޮންޓްރެކްޓަރުންނަށްވެސް ސައިޓަށްގޮސްފައި ސައިޓު ރަނގަޅަށް ދެނެގަނެ އެބޭފުޅުން އެ ދޭންޖެހޭ ތަފްޞީލުތަކާ އެއްކޮށް އެބޭފުޅުންގެ ކޮމްފޯޓުގައި ޕްރޮޖެކްޓު އެބަކުރިއަށްގެންދެވޭ" ޝާނާ ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރިނަމަވެސް، އެ މަޝްރޫޢުތަކުން އެއްކޮށް އަތްދޫކޮށްނުލާކަމަށް ޝާނާ ވިދާޅުވިއެވެ. އެގޮތުން މިގޮތަށް މަޝްރޫޢުތައް ޙަވާލުކުރާއިރުވެސް ކޮންޓްރެކްޓަރުން މަޝްރޫޢުތައް ޑިޒައިންކުރަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓޭންޑަޑްތަކާ އެއްގޮތަށްތޯ ވަރަށް ކައިރިން ބަލަމުންދާކަމަށް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަންޖެހޭ ކޮންޓްރެކްޓަރ ޑިޒައިން މި ކުރަނީ އަޅުގަނޑުމެން ދޭ ސްޓޭންޑަޑަށްތޯ. އަޅުގަނޑުމެން އެބަ ވަރަށް ތަފްޞީލުކޮށް ތައްޔާރުކުރަން ކޮންޓްރެކްޓް ރިކުއަރމެންޓްތަކެއް. އެއަށްބަލާފައި ކޮންޓްރެކްޓަރު ޑިޒައިން މިކުރަނީ. އެހެންވީމަ ޑިޒައިން އެންޑް ބިލްޑަށް ހުޅުވާލުމަކުން އަޅުގަނޑުމެން މުޅިން އޭގެން އަތްދޫކޮށްލަނީކީ ނޫން. ކޮންޓްރެކްޓަރުންނަށް އަޅުގަނޑުމެން އެ ދޭ ބްރީފާއެއްގޮތަށް އެބޭފުޅުން ޑިޒައިންކުރޭތޯ ބެލުން އެއީ އަޅުގަނޑުމެން އެންމެ މުހިއްމުކަމެއްދޭ ކަމަކީ" ޝާނާ ވިދާޅުވިއެވެ.

ޝާނާ ވިދާޅުވީ، މިނިސްޓްރީން ޙަވާލުކުރާ މަޝްރޫޢުތައް ހިނގާނުހިނގާގޮތް އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ކޯވިޑާއެކު ގިނަ މަޝްރޫޢުތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް، ކޮންސްޓްރަކްޝަން ސާމާނު ރާއްޖެއަށް އެތެރެކުރުމަށް ކޮންޓްރެކްޓަރުންނަށް ފުރުޞަތު ލިބި، ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކުން އަރައިގަނެވުމާއެކު މަޝްރޫޢުތަކުގެ ދުވެލި މިހާރު ހަލުވި ކުރެވިފައިވާކަން ޝާނާ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ފެނާއި ނަރުދަމާއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް މިހާރު %50 އަށްވުރެ ބޮޑު ބައި ފުރިހަމަކުރެވިފައިވާކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް މީގެތެރެއިން ގިނަ މަޝްރޫޢުތަކެއް ނިމި، ރައްޔިތުންނަށް ޚިދުމަތްދޭން ފެށޭވަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.