ތަރައްްޤީ

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދޭނަން: ނައިބު ރައީސް


ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިހެން ވިދާޅުވީ، ހިރިލަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވާ، ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.

އެގޮތުން، ބިން ހިއްކުމުގެ މަސައްކަތް ވީވަރަކުން ހަލުވިކުރުމަށާއި، ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސްކޮށްދެއްވަން މަޝްވަރާކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފެނަކައިން ބަހައްޓާފައިވާ އައު އިންޖީނާއި، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓުއުފެއްދުމަށް ހިރިލަންދޫގައި ހިންގަން ނިންމަވާފައިވާ ސޯލާ އައި.ޕީ.ވީ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ރަށުގެ ބައެއް މީހުންގެ ފަރުވާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ބެހޭގޮތުން ކައުންސިލަރުންނަށް މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ހިރިލަންދޫ ކައުންސިލަރުން ވަނީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޝްވަރާކުރައްވާފައެވެ.

އެގޮތުން ހިރިލަންދޫގައި ކުރިން ކުރިމަތިލާންޖެހިފައިވާ ބޭންކިންގެ ދަތިކަމަށް ޙައްލެއްހޯއްދަވައި ދެއްވުމަށް ދެންނެވުމުން ހަލުވިކަމާއި އެކު ޙައްލެއް ހޯއްދަވައިދެއްވާ، މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރަށުގައި އޭ.ޓީ.އެމް އެއް ބަހައްޓާދެއްވާފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސްއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިކަމުން ހިރިލަންދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭޙައެއް ލިބޭނެކަން ފާހަގަކުރައްވާ، ހުރިހާ ރައްޔިތުންގެ ފަރާތުން ފަށްފަށުން ޝުކުރު އަދާ ކުރެއްވިއެވެ.

ހިރިލަންދޫގެ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ރަށުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. މިގޮތުން އެމް.ޓީ.ސީ.ސީގެ ބެލުމުގެދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލަރުން އެދިލައްވައިފައިވެއެވެ. އަދި، ހިރިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކި ދަތިތައް ހިއްސާކޮށްފައިވެއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ރައްޔިތުން އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަމުގައި އޮތް ދަތިތަކާ ގުޅިގެން ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.