ކޯވިޑް-19

މުޖްތަމަޢުގެ ރައްކާތެރިކަން ގުޅިފައިވަނީ ވެކްސިންއާ


ކޯވިޑް-19 އާއެކު ދިވެހިރާއްޖެއިން މި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތަފާތު ތަޖުރިބާތަކެއް ވަނީ ކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނީ މިއަހަރުގެ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ރާޅުގެ ތެރެއިންނެވެ.

މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު ސަރުކާރާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޯވިޑްގެ ޙާލަތު ރާއްޖޭގައި މިވަނީ ވަރަށް ބޮޑަށް ރަނގަޅުކުރެވިފައެވެ. މިކަމަށް މަގު ކޮށައިދިން އެންމެ މުހިއްމު ވަޞީލަތަކީ ރާއްޖޭގައި ކޯވިޑް ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމެވެ. ކޯވިޑާއެކު ކުރެވުނު ހިތްދަތި ތަޖުރިބާތަކުން އަރައިގަނެވި، ރާއްޖެ މިހާރު މިވަނީ ނިއުނޯމަލްއަކާ ދިމާއަށް އަނެއްކާވެސް ދަތުރު ފަށާފައެވެ.

އެހެންނަމަވެސް ކޯވިޑާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިދެވުނު ބޮޑެތި ލުއިތަކާއެކު އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މި ބަލީގެ ނުރައްކާ އަދިވެސް ދުނިޔޭގައި އޮތްކަމެވެ. ކޯވިޑްގެ އެކި ވޭރިއެންޓްތައް އަދިވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާކަމެވެ. ބައެއް ޤައުމުތައް އަދިވެސް އޮތީ ފުރަބަންދުގެ ޙާލަތުގައެވެ.

ދިވެހި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި، ރައްޔިތުންގެ ކިޔަމަންތެރިކަމާއެކު ރާއްޖޭގެ ކޯވިޑްގެ ޙާލަތު މިވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ. ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އާންމު ތަންތަނަށް ނުކުމެ އުޅުމަކަށް ހުރަހެއްނެތެވެ. ވިޔަފާރިތައް ވަނީ ހުޅުވާލެވިފައެވެ. އިޤްތިޞާދީ ހަރަކާތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ. އެތަކެއް ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު، އެންމެން ގުޅިގެން ކުރެވުނު މަސައްކަތްތަކާއެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާލެއާއި އަތޮޅުތަކުގައި ފެށީ ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލެވިގެންނެވެ. މިއީ ހައްތަހާވެސް ވެކްސިން ޕްރޮގްރާމާއެކު ނިކުތް ހެޔޮ ބަދަލުތަކާއި ނަތީޖާއެވެ.

ކޯވިޑުން ދިފާޢުވުމަށް މިވަގުތު އޮތް އެންމެ މުހިއްމު ހަތިޔާރަކީ ވެކްސިންއެވެ. ދުނިޔޭގައި ބައެއް ޤައުމުތަކަށް ވެކްސިން ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. ވެކްސިންގެ އެއްވެސް ޑޯޒެއް ޖެހުމުގެ ފުރުޞަތު ނުލިބޭ އެތައް ރައްޔިތުންނެއް އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. ޚުދު މި ވެކްސިން އުފައްދަމުންދާ ބައެއް ޤައުމުތަކުގައި އަދިވެސް އުޅެނީ ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނުހިންގިގެންނެވެ. ކޯވިޑްގެ ނުރައްކާ އަދިވެސް ދުނިޔެއަށް އިންތިހާއަށް އޮތްއިރު، ވެކްސިންގެ ޑިމާންޑުވެސް އެހާމެ ބޮޑެވެ.

ރާއްޖެއަކީ ވެކްސިން އުފައްދާ ޤައުމެއް ނޫނެވެ. އެފަދަ ޤާބިލުކަމަކާ ވަޞީލަތެއްވެސް ރާއްޖެއަކު ނެތެވެ. ވީއިރު ރާއްޖެއަށް ވެކްސިން ހޯދުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތަކާއެކު ދުނިޔޭގެ ބާޒާރަށް ކޯވިޑް ވެކްސިން ނެރުނުތާ ކުރީކޮޅު ރާއްޖެއަށް ވެކްސިން ލިބި، ދޭސީއެއް ބިދޭސީއެއް ތަފާތުކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވެކްސިން ދޭން ފެށުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަޞީބެކެވެ. އަދި މިހާރު މިވަނީ ވެކްސިން ޖެހޭ އުމުރުފުރާގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ރާއްޖެއަށް ވެކްސިން ގެނެވިފައެވެ. ވެކްސިނާއެކު ބަލީގެ ސިވިއަރިޓީ ނުވަތަ ބޮޑުވަރުވުން އެތައް ގުނައެއް ކުޑަކޮށްދެއެވެ.

ވެކްސިނާއެކު ރާއްޖެއިން މިކުރި ތަޖުރިބާގެ ތެރެއިންވެސް ފާހަގަވި އެންމެ މުހިއްމު އެއްކަމަކީ ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވެ، ބަލީގައި ބޮޑުވަރުވެގެން އައި.ސީ.ޔޫއަށް ނުވަތަ ވެންޓިލޭޓަރަށް ލާންޖެހުނު ފަރާތްތަކުގެ ތެރޭގައިވެސް ނިސްބަތުން ގިނައީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންކަމެވެ. މިކަމާގުޅޭ ތަފާސް ހިސާބުތައް އެޗް.އީ.އޯ.ސީއާއި ޓެގްޓީމުގެ ފަރާތުން މީގެކުރިންވެސް އެކި ފަހަރުމަތިން ހިއްސާކުރައްވާފައިވެއެވެ.

ވެކްސިންގެ މުހިއްމު ކަމަށް ބާރު ލިބޭ އިތުރު ތަފާސް ހިސާބުތަކެއް އައި.ޖީ.އެމް.އެޗުގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. ރަޖީބް ކުމާރު ޑޭ ދާދިފަހުން ވަނީ ހިއްސާކުރައްވާފައެވެ. ޑރ. ރަޖީބު ކުރެއްވި ޓުވީޓުގައި ކޯވިޑް ފެސިލިޓީގައި މިވަގުތު އައި.ސީ.ޔޫގައި ފަރުވާދެމުންދާ 4 މީހުންވެސް އޮތީ ވެންޓިލޭޓަރުގައިކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ 4 މީހުންގެވެސް އެއްގޮތް އެއްކަމެއްވާކަމާއި، އެއީ އެއްވެސް މީހަކު ވެކްސިން ޖަހާފައިނެތުންކަން ޑރ. ރަޖީބު ވަނީ ފާހަގަކުރައްވާފައެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހަމަ ވިސްނާލުން މުހިއްމުކަމެކެވެ.


ވެކްސިންގެ ބޭނުންތެރިކަމާއި މުހިއްމުކަން މިފަދަ ކަންކަމުން އަޅުގަނޑުމެންނަށް އެބަ ވަޒަންކޮށްލެވެއެވެ. ދޭދޭ ޤައުމުތަކުގެ އެހީއާއި ޑަބްލިއު.އެޗް.އޯގެ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ވެކްސިން ޑޯޒްތައް ލިބުނު ނަމަވެސް ރާއްޖެ އުފެދިފައިވާގޮތުން ވަކިވަކި އާބާދީތަކެއްގެގޮތުގައި ދިރިއުޅެމުންދާތީ، ވެކްސިން ޖެހުމަކީ އިދާރީގޮތުން ބޮޑެތި ޚަރަދުތަކެއް ހިނގާ މަސައްކަތެކެވެ. ރައްކާތެރިކަމާއެކު ވެކްސިން ޑޯޒްތައް ރަށްރަށަށް ފޮނުވުމާއި، ޖެހުމުގެ މަސައްކަތް ކުރަމުން މިދަނީ އެތައް ބައެއްގެ ބުރަ މަސައްކަތާއެކުއެވެ.

ރާއްޖޭގައި މިވަގުތު އެންމެ ގިނަބަޔަކަށް ޖަހަމުން މިދަނީ އެސްޓްރާޒެނެކާ ވެކްސިނެވެ. ވެކްސިނަކީ އޭގެ ޒާތުގައި ވަރަށް ކުރު މުއްދަތެއް ހިމެނޭ އެއްޗެކެވެ. އާއްމުކޮށް ޝެލްފް ލައިފް ނުވަތަ ރައްކާކޮށްފައި ބެހެއްޓެން މި ހުންނަނީ 6 މަހުގެ މުއްދަތަކެވެ. ރާއްޖެއަށް މިވަގުތު ލިބިފައިވާ އެސްޓްރާޒެނެކާ ވެކްސިން ޑޯޒްތައް މިމަހުގެ ނޮވެމްބަރަށް ހަމަވާނެކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ. މިއާއެކު މި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާނެ އެންމެފަހު ތާރީޚެއްގޮތުގައި ސެޕްޓެމްބަރު އެކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅާފައިވަނީވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖެހެން އަންނަނީ 8 ހަފްތާފަހުންކަމަށްވެފައި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަމަށް 2 މަސް ދުވަސް ބޭނުންވާތީއެވެ.

އެހާތަނަށް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ ތެރެއިން އެއްވެސް ބަޔަކު ވެކްސިން ނުޖަހާތިބިކަމަށްވާނަމަ، ވެކްސިންތައް ބޭނުންނުކުރެވި، އިސްރާފުވެގެންދާނެއެވެ. ވީއިރު ވެކްސިިން ޖެހުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޝަރުތުހަމަވާ އެންމެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މިއީ މިހާރު ލިބިފައިވާ ލުއިތައް މިގޮތުގައި ދެމެހެއްޓުމަށް ކުރުން މުހިއްމުކަމެކެވެ. އައު އާންމު ޙާލަތެއްގައި އަޅުގަނޑުމެންނަށް ދިރިއުޅުން ބައްޓަންކުރެވެންއޮތީ ވެކްސިން ކަވަރޭޖް ރާއްޖޭގައި މަތިކުރެވިގެންނެވެ.