ތަރައްްޤީ

ނޭކުރެންދޫގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި


ހދ. ނޭކުރެންދޫގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ ޕޮއިސްޑް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ޕޮއިސްޑް ނުވަތަ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. އޭޑީބީން މި މަޝްރޫޢަށް ފަންޑުކުރާއިރު، މަޝްރޫޢު ތަންފީޒުކުރަމުންދަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ފެނަކަ ގުޅިގެންނެވެ. މި މަޝްރޫޢު މެދުވެރިކޮށް ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި ސޯލަރ ޑީސެލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ސިސްޓަމްތައް ތަޢާރަފުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެކަން ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް އެކި ރަށްތަކުގައި މިހާރު ދަނީ ކުރަމުންނެވެ.

އޭގެ ތެރެއިން އެއް ރަށަކީ ހދ. ނޭކުރެންދޫއެވެ. 1400 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ނޭކުރެންދޫއަކީ ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. އަދި ދޭތެރެއިން ދޭތެރެއިން ޖަނަރޭޓަރު ނިއްވާލަންޖެހުމުން، ކަރަންޓު ކެނޑެއެވެ. ރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެކަތި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ފެނަކައިން މިހާރު ދަނީ އެރަށުގައި ސޯލަރ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ރަށުގައި ހަރުކުރާ ސޯލަރ ޕެނަލްތަކާއެކު 116 ކޭ.ޑަބްލިއު.ޕީގެ ސޯލަރ ޕީވީ އުފެއްދޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި މީގެން އުފައްދާ ހަކަތަ ރަށުގައި މިހާރު ބޭނުންކުރާ ކަރަންޓު ގްރިޑާއި ގުޅާލެވުމުން ސޯލަރ ޑީސެލް ހައިބްރިޑް ސިސްޓަމެއް އެރަށުގައި ޤާއިމުވެގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ސޯލަރ ޕެނަލްތައް ހަރުކުރަމުންދަނީ ނޭކުރެންދޫ ކައުންސިލް އިމާރާތާއި، އެ ރަށު ސްކޫލުގެ 2 ޢިމާރާތެއްގައެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ނޭކުރެންދޫ ކައުންސިލުގެ ރައީސް ޢަލީ ސިރާޖު ވިދާޅުވީ، ރަށުގައި ސޯލަރ ޕެނަލް ހަރުކުރުމުން އިންޖީނުތަކަށް ލޯޑުކުޑަވެ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވެފައިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިއީ ކަރަންޓުދިނުމަށް ތެލަށް ބަރޯސާވަންޖޭ ޖެހުން ކުޑަކޮށްދޭނެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ.

"ހަމަގައިމުވެސް ޖަނަރޭޓަތުތަކަށް މައްސަލަޖެހޭ ގަޑިތަކުގައި ސޯލަރ ޕެނަލްތަކަކީވެސް ހަމަ ވަރަށް މުހިއްމު އެއްޗެއްކަމަށްފެނޭ. އޭގެ ސަބަބުން ކަރަންޓަށް މި ދިމާވާ ދަތިކަމަށް ހައްލު ލިބޭނެކަމަށް ވަރަށް އުއްމީދުކުރެވޭ. ހިތްހަމަޖެހުމެއް ރައްޔިތުންނަށް ލިބޭނެކަމަށް އުއްމީދު މިކުރަނީ" ސިރާޖު ވިދާޅުވިއެވެ.

ޕޮއިސްޑް މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ ފިޔަވަހީގެ ތެރެއިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ސޯލަރ ޕެނަލް ހަރުކުރުމަކީ ފެނަކައިގެ އަމާޒެކެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މުޅި އަތޮޅުގައި 3.5 މެގަވޮޓްގެ ސޯލަރ ސިސްޓަމެއް ޤާއިމުވެގެންދާނެއެވެ. މިއާއެކު ޕީކް ގަޑިތަކުގައި ބޭނުންވާ ކަރަންޓުގެ %30 އަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުވެގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ޕެނަލްތައް ހަރުކޮށް ކަރަންޓު ވިއުގާއާ ގުޅާލުމުން، ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެކަމަށާއި، ޖައްވަށް ދޫކުރާ ކާރބަންޑައިއޮކްސައިޑް އަހަރަކު 4 ޓަނު ކުޑަކޮށްދޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ހަކަތައިގެ ދާއިރާއިން ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ %70 އިންސައްތަ ިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.