ކޯވިޑް-19

އިތުރު 255 މީހަކު ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ރާއްޖެއިން އިތުރު 255 އަށްވުރެ ގިނަ މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 294،300 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 255 މީހުންނެވެ. ހުކުރު ދުވަހު ވެކްސިން ޖެހުން މާލޭ ސަރަޙައްދުގައި ކުރިއަށްގެންގޮސްފައެއްނުވެއެވެ. ކޯވިޑް ވެކްސިންގެ ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 294،364 އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހުކުރު ދުވަހު އަތޮޅުތަކުން ޖަހާފައިވަނީ 282 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 342،793 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.