ސިޔާސީ

ޒުވާން ޑިޕްލޮމެޓުން ތަމްރީންކުރުމަށް މިނިސްޓަރ ޝާހިދުގެ ޙާއްސަ އިސްނެންގެވުމެއް


އދ.ގެ ތެރެއިން ޒުވާން ޑިޕްލޮމެޓުން ތަމްރީންކުރުމަށްޓަކާ، "ޕީ.ޖީ.އޭ ޔޫތު ފެލޯޝިޕް ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ހިންގެވުމަށް ގަސްތުކުރައްވާކަން އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ދުނިޔޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

ފޮރިން މިނިސްޓަރގެ ޓުވީޓުގައި ކަންކަން ނިންމުމުގައި ޚާއްސަކޮށް ޒުވާނުންނާއި ގުޅުންހުރި ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ބައިވެރިވުމާއި ޚިޔާލާ މަޝްވަރާ ހޯއްދެވުމަކީ އެމަނިކުފާނު އަބަދުވެސް ތާއީދުކުރާ އަދި ތަރުހީބުދެއްވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ދުނިޔޭގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އދ.ގެ އާއްމު މަޖިލީހުގެ ކުރިއަށްއޮތް ދައުރުގެ ރައީސްގެ ހައިޞިއްޔަތުން "ޕީ.ޖީ.އޭ ޔޫތު ފެލޯޝިޕް ޕްރޮގްރާމް"ގެ ނަމުގައި ޒުވާން ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގެވުމަށް ގަސްތުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ވެގެންދާނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތައް އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ޤައުމުތަކަށް ނިސްބަތްވާ ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސަރވަންޓުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ނިއުޔޯކަށްގޮސް އދ.ގެ މަސައްކަތްތަކާގުޅޭ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޚާރިޖީ ދާއިރާއަށް ހޭލުންތެރި ކުރެވިގެންދާނެކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަށް ފޮރިން މިނިސްޓަރ ޝާހިދު ހޮވިވަޑައިގަތުމާއި ގުޅިގެން އދ.ގެ މައި އިދާރާގައި ހުންނަވާ އެމަނިކުފާނު ދެއްވި އެންމެ ފުރަތަމަ ތަޤުރީރުގައިވެސް ޒުވާނުންނަށް އެކި ދާއިރާތަކުން ކުރިއަށްދިއުމަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން އދ. އާއްމު މަޖިލީހުގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނޭކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ. އަދި ޖިންސީ ހަމަހަމަކަމަށް ވަކާލާތްކޮށް، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުއްލަވާނެކަމަށާއި، ޖެނެރަލް އެސްމްބްލީގެ ރައީސެއް ގޮތުގައި ހުރެ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލްއެއްގައި ބައިވެރި ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފައި ވަނީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރ މި މަޤާމަށް ހޮވިވަޑައިގަތީ 143 ޤައުމުގެ ތާއީދާއެކުއެވެ. މިއީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރުވެސްމެއެވެ. ރާއްޖެއިން އދ.ގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.