ކޯވިޑް-19

އިންކަމް ސަޕޯޓަށް ހުށަހަޅާ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް އޮތުން މުހިއްމު: އޮޑިޓް


އިންކަމް ސަޕޯޓް އެލަވެންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ނުލިބޭކަން ކަށަވަރުކޮށް، ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤައުމީ ފެންވަރުގައި ޤާއިމުކުރުން މުހިއްމުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިހެން ވިދާޅުވެފައިވަނީ "އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓު"ގައެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ "އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓު"ގައި، ކޯވިޑް-19ގެ ސަބަބުން އާމްދަނީއަށް އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސްކީމުގެ މަންފާ ހާޞިލުވާނެފަދަ ގޮތަކަށް އުޞޫލުތައް ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެޕްލިކޭޝަންތައް ވަޒަންކުރުމަށްޓަކައި ރަނގަޅު އުޞޫލުތަކެއް ޤާއިމުކުރެވި، އެ އުޞޫލުތައް ތަންފީޒުކޮށްފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް އެލަވަންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ނުލިބޭކަން ކަށަވަރުކޮށް، ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤައުމީ ފެންވަރުގައި ޤާއިމުކުރެވިފައިނުވާކަން އޮޑިޓް އޮފީހުގައި ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. މިހެންވުމުގެ ސަބަބުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވިފައިވާކަމާއި، އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވުމުގެ ފުރުޞަތު އޮތްކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މަހަކު 5000 ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލަވަންސްގެ އަދަދަކީ 5000 ރުފިޔާއިން އެ އަދަދު އުނިކުރުމަށްފަހު ބާކީވާ އަދަދުކަމަށް އެލަވަންސް ދިނުމުގެ އުޞޫލުގައި ބަޔާންކޮށްފައި އޮތްނަމަވެސް، އެމީހަކަށް އިތުރު އާމްދަނީއެއް ނުލިބޭކަން ކަށަވަރުކުރެވޭނެ ގޮތެއް ޤާއިމުވެފައިނެތްކަމަށް އޮޑިޓުގައި ވިދާޅުވެފައިވެއެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަކީ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ފަރާތްތަކަކަށް ނުވުމުގެ ސަބަބުން އެފަދަ ފަރާތްތަކުން އެލަވަންސަށް އެދި ހުށަހެޅިނަމަވެސް، އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ކަށަވަރުކުރެވޭނެ ގޮތެއް ނޯންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހައްޤުނުވާ 217 އެޕްލިކޭޝަނެއް އޮޑިޓަށް ފާހަގަވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް އެލަވަންސް ދެވިފައިވާ މައްސަލަތައް ކަމަށް އޮޑިޓު އޮފީހުން ވިދާޅުވެއެވެ. އަދި މިފަދަ މައްސަލަތަކުން މިހާތަނަށް 409969 ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރިވިއުތަކުން ފާހަގަކުރެވި، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފެށިފައިވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

މި ރިޕޯޓުގައި ސަރުކާރުން ޚާއްސަ އިނާޔަތެއް ދިނުމުގެ މަޤްޞަދުގައި، އިންކަމް ސަޕޯޓް އެލަވަންސް ސްކީމް ތަޢާރަފުކޮށްފައިވާއިރު، މި މަޤްޞަދު ހާޞިލުވެފައިވާކަން އޮޑިޓް އޮފީހުން ވިދާޅުވެފައިވެއެވެ. އެގޮތުން 18 މާރިޗު 2021 ގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ލިބިފައިވާ ފަންޑުގެ %69 ފައިސާ އެލަވެންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން %86 ފަރާތައް ދޫކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޖުމްލަ ގޮތެއްގައި އެލަވަންސް ލިބުނު ފަރާތްތައް ނިސްބަތްވާއިރު، އެ ފަރާތްތަކުގެ ތެރޭގައި އާމްދަނީއަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ދާއިރާކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންގެ ބޮޑު އިންސައްތައެއް ހިމެނޭކަން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް މި ސްކީމުގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށިފައިނުވާތީ، ވަޒީފާ ގެއްލިފައިވާ ފަރާތްތައް ވަޒީފާގެ ބާޒާރަށް އަނބުރާ ނެރެވުނު މިންވަރު މި އޮޑިޓުގައި ބެލިފައިނުވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.