ކޯވިޑް-19

ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ ޢަދަދު 292،000 އަށްވުރެ މައްޗަށް


ރާއްޖެއިން އިތުރު 1100 އަށްވުރެ ގިނަ މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 292000 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 1169 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަ ކުރި 608 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި 561 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 292905 އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 1029 މީހުން ބުދަ ދުވަހު ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 456 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 573 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 341009 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށުމަށްވެސް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.