ކޯވިޑް-19

ކޯވިޑުން ރަނގަޅުވި މީހުންގެ ޢަދަދު މިއަދުވެސް 300 އިން މަތީގައި


ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 356 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އަލަށް ބަލި ޖެހިފައިވަނީ 125 މީހަކަށެވެ.

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 78800 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 125 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 66 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 29 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 78815 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުންނާއި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 2090 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ރަނގަޅުވާން ފަށާފައިވާއިރު، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރިކޯޑް ޢަދަދަކަށް މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 356 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބުދަ ދުވަހު 357 މީހަކު ރަނގަޅުވެފައިވެއެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 76491 އަށް އަރާފައެވެ.

24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5048 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.