ތަޢުލީމު

މަތީ ތަޢުލީމުގެ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމަށް ސިލްސިލާ ބައްދަލުވުންތަކެއް


މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.

"ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމާއި ގުޅިގެން، މި ޤާނޫނުން ބާރު ލިބިގެން ހަދަން ޖެހޭ އެންމެހާ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދަނީ ކުރަމުންނެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި ހަދައި އާއްމުކޮށް ޝާއިޢުކުރަންޖެހޭ ގަވާއިދުތަކުގެ ތެރޭގައި "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" ހިމެނެއެވެ. އެހެންކަމުން މި ގަވާއިދު ޑްރާފްޓްކޮށް އެއާބެހޭ ގޮތުން ޚިޔާލު ހޯދައި މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށް ހިންގަމުންދާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވަން ފަށާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މި ގަވާއިދުތަކުގެ ތެރޭގައި ދަރިވަރުންގެ މަސްލަހަތާއި ސީދާގޮތުންނާއި ނުސީދާގޮތުން ގުޅުން ހުރި ބައެއް ކަންތައްތައް ހުރުމާއެކު ދަރިވަރުންނާއި މަޝްވަރާކުރެވި އެ ދަރިވަރުންގެ ތަޖުރިބާއާއި ޚިޔާލު ހޯދުމަށް ، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ޖަމްޢިއްޔާތަކުގެ ކުދިންނާއެކުވެސް އެ މިނިސްޓްރީން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މި ދާއިރާއާއި ގުޅުންހުރި ސްޓޭކް ހޯލްޑަރުން އަދި ދަރިވަރުންނާއެކު މިފަދަ މަޝްވަރާ ބައްދަލުވުންތައް ސިލްސިލާގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށްވެސް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ބިލު ތަޞްދީޤުކުރައްވާފައިވަނީ 16 މެއި 2021 ގައެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތަޢުލީމާއި ތަމްރީނު ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ، މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމާއި، އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުންވެސް މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިފަދަ ޤާނޫނެއްގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަޤިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ. މީގެ އިތުރުންވެސް މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ އެހެނިހެން އުސޫލުތައްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.