50 މިލިޔަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކަތައް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ދޮގުކޮށްފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެންކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
17 ސެޕްޓެމްބަރު 2026 ގައި މުއްދަތު ހަމަވާ 50 މިލިޔަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް 11 މެއި 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ.
ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ 3 ބަޔަކަށް ބަހާލައިގެން 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައިއެވެ. އޭރު މި ދަރަނިތައް ނަގާފައިވަނީ 2019 ވަނަ އަހަރު މާރިޗު މަހު 17 ވަނަ ދުވަހު 50 މިލިޔަން ޑޮލަރު، އެއަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު 50 މިލިޔަން ޑޮލަރު އަދި އޮކްޓޫބަރު 1 ވަނަ ދުވަހު 50 މިލިޔަން ޑޮލަރެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 އާއި ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުން ކަމަށް މިއަހަރު މޭއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
މި ދަރަނި އަނބުރާ ދެއްކުމާއި ގުޅިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މާލީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.