ޚަބަރު

ހިންނަވަރު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް


ޅ ހިންނަވަރު ބަނދަރުގެ ޖާގަ ކުޑަވުމާ ތިލަ ވުމުގެ ޝަކުވާ އަބަދުވެސް އެރަށު ރައްޔިތުންދަނީ ކުރަމުންނެވެ. ފަޅުގެ ޖާގަ ކުޑަވުމުން ރަށަށް ވަދެ ނިކުތުމަށް ދަތިތައް ކުރިމަތިވެއެވެ. އަދި އެ ބަނދަރުގެ ބޮޑު ބައެއް ހަލާކުވެފައި އޮތުމަކީ ފަޅުގައި އަޅާފައި ހުންނަ އޮޑި ދޯނިފަހަރަށާއި، ލޯންޗް ތަކަށް މީހުން އަރުވާ ބޭލުމަށް ހުރި ގޮންޖެހުމެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެރަށު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ ސަރުކާރުން އެރަށުގައި އިތުރު ބަނދަރެއް ހެދުމަށް ނިންމާ މިހާރު ބޭނުން ކުރަމުންދާ ބަނދަރުގައި ހަލާކުވެފައި އޮތް ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށެވެ. މިމަސައްކަތުގެ ދަށުން މިބަނދަރުގެ 95 މީޓަރ ދިގު 81 މީޓަރު ފުޅާ ސަރަހައްދެއް މަރާމާތު ކުރެވިގެން ދާނެއެވެ. އަދި ބޮޑެތި އުޅަނދުފަހަރު ކައިރިކުރުމަށް ޕޯޓެއް ޤާއިމުކޮށް 83 މީޓަރު ސަރަހައްދެއްގައި ބްރޭކް ވޯޓަރ ލުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

"ބަނދަރު ހަލާކުވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެ މިކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުންދަނީ ކުރަމުން ހަލާކުވެފައި އޮތް ބަނދަރު މަރާތުކޮށް ނިމުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ" ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހިންނަވަރު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި ބަނދަރުގައި ހަލާކުވެފައިވާ ސަރަހައްދު ފުންކޮށް ކީވޯލް(އެއްގަމު ވާޓަރުގެ ގައު) ޖެއްސުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިމަސް ނިމުމުގެ ކުރިން މި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިމޭވަރުވާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. އަދި މި މަސައްކަތް ނިމުމުން މިބަނދަރާ ގުޅުވައިގެން ހަދާ އާ ބަނދަރުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހިންނަވަރުގައި ތަރައްޤީކުރާ އާ ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މަރާމާތު ކުރާ ބަނދަރާ އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރާ އެކު ޖުމްލަ 653 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓެއް ލާނެއެވެ. މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 123 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށްޓެއްލުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ހިމެނޭ ސަރަހައްދުގެ ބިން ހިއްކާ، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި ބަނދަރު ވަށައިގެން ޕޭވްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަޝްރޫއަށް 99.5 މިލިއަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.