ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢާއެކު އެރަށުގެ މަގުތަކަށް ނަޖިސް ބޭރުވުމާއި، ޞިއްޙީގޮތުން ކުރިމަތިވެފައިވާ މައްސަލަތަކަށްވެސް އެކަށީގެންވާ ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީއަކީ އާބާދީގައި ގާތްގަނޑަކަށް 13،000 ގާތްކުރާ އަދަކަށް މީހުން ދިރިއުޅެމުންދާ ރަށެކެވެ. ގުދުރަތީގޮތުންވެސް ތަފާތުކަމަކާއި މުއްސަނދިކަމެއް ލިބިފައިވާ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ 2017 ވަނަ އަހަރެވެ. ޒަމާނީ ތަރައްޤީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފުވައްމުލައް ސިޓީގައި ޖެހެންފަށާފައިވީ ނަމަވެސް، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައިނެތުމަކީ އެ ސިޓީއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.
ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ފެށީ 2016 ވަނަ އަހަރުއެވެ. އަދި 2018 ވަނަ އަހަރު ބައެއް ގެތަކަށް ވަނީ ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން 2016 ވަނަ އަހަރު ފެށި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން 91 ކިލޯމީޓަރުގެ ހޮޅި ވަނީ އަޅާފައެވެ. އަދި ބޮޑު ސްވަރޭޖް ޓްރީޓްމަންޓް ސިސްޓަމެއްވެސް ވަނީ ބަހައްޓާފައެވެ. ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެ ސިޓީގައި 500 ޓަނުގެ ތިން ފެން ޕްލާންޓާއި، 62 ކިލޯ މީޓަރުގެ ފެންހޮޅިވެސް ވަޅުލިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ފެނާއި ނަރުދަމާ ނިޒާމުގެ ފުރިހަމަ ފޮނިމީރުކަން އެ ސިޓީގެ ރައްޔިތުންނަށް ލިބިފައެއްނުވެއެވެ.
2016 ވަނަ އަހަރު ޤާއިމުކުރަން ފެށި މި ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އެކަމުގެ އުނދަގޫ ރައްޔިތުން އުފުލަމުންދަނިކޮށް، ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ޙައްލުކޮށް މަރާމާތު ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެނަކައިން ކުރަމުންދާއިރު، އެތައް ދުވަހެއް ވަންދެން ރައްޔިތުން ދެކެމުންދިޔަ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭ މަންޒަރު މިހާރު މިވަނީ ފެންނަން ފަށާފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ފުވައްމުލަކު ނަރުދަމާ މަރާމާތުކުރުމުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެ މަސައްކަތްވެސް ހަމަ ވަރަށް ބާރު ސްޕީޑުގައި ކުރިއަށްއެބަދޭ. އަޅުގަނޑުމެންގެ އެސްޓިމޭޓަކީ ސެޕްޓެމްބަރުމަސް ނިމޭ ހިސާބުގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އަޅުގަނޑުމެންގެ ތާވަލާއެއްގޮތަށް މަސައްކަތްދާކަމަށްވާނަމަ" ސަޢީދު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤު ވިދާޅުވީ، ނަރުދަމާ ނިޒާމުގެ މައްސަލަ އަވަސް މުސްތަޤުބަލެއްގައި ހައްލުވެގެންދާތަން ރައްޔިތުން ދެކެން ބޭނުންވާކަމަށެވެ. އަދި މި ނިޒާމުގެ މަސައްކަތް ފުރިހަމަވުމާއެކު، ރަށަށް އިޖްތިމާޢީގޮތުންނާއި ޞިއްޙީގޮތުންވެސް ކުރިމަތިވެފައިވާ މައްސަލަތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަތުވެގެންދިއުމަކީ ކުރާ އުއްމީދެއްކަމަށް މޭޔަރ ރަފީޤު ވިދާޅުވިއެވެ.
"ވަރަށް އުނދަގޫ އަސްލު އެކަށީގެންވާ ނަރުދަމާއެއް ނެތީމަ. ފާހަނާ ފްލަޝްނުވުމާއި، މަގުމަތީގައި ހުންނަ ޖަންކްޝަންތައް އޯވަރ ފްލޯރވުމުގެ މައްސަލަވެސް ކުރިމަތިވޭ. މިކަން ނިމުނީމަ ވަރަށް ބޮޑު ފަސޭހައަކަށްވެގެންދާނެ. ނަޖިސް ލީކުވުމުގެ ސަބަބުން ޞިއްޙީގޮތުން ދިމާވާ މައްސަލަތަކާ ރަށުތެރޭ ނުބައިވަސްދުވުން ފަދަ ކަންކަން ހައްލުވެގެންދާނެ" މޭޔަރ ރަފީޤު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބްރޭންޑް ނިއު ވެކިއުމް ވަލްވާއި، ވެކިއުމް ސިވަރ އަދި ސުވަރޭޖް ސިސްޓަމް މޮނިޓަރކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަށް 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.