ކޯވިޑް-19

މިމަހުގެ ނިޔަލަށް ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަކީ އަމާޒެއް: ރައީސް


ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީއަށް މިމަހުގެ ނިޔަލަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރުމަށް މިއަދު ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޯވިޑް-19އާއެކު ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ތަފާތު ތަޖުރިބާތަކެއް ކުރަންޖެހުނުކަމަށާއި، ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހުނުކަމަށެވެ. އޭގެތެރެއިންވެސް ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ދަތިތަކާ ގޮންޖެހުންތައް އެތައް ގުނައެއް އިތުރުކަން ފާހަގަކުރައްވާ، އެހެންނަމަވެސް ދަރިވަރުންނަށް މެދުނުކެނޑި ތަޢުލީމު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި، ސްކޫލްތަކާއި މުޅި ތަޢުލީމީ ދާއިރާ ގުޅިގެން ކުރި ބުރަ މިންނެއް މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސްކޫލްތައް އެތައް ދުވަހެއް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލާ، ދަރިވަރުންނަށް ސްކޫލަށް ޙާޒިރުވެގެން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވުނީ އެންމެން ގުޅިގެން ކުރި މަސައްކަތުންކަމަށާއި، މި ފެށުނު ދިރާސީ އައު އަހަރަކީ ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއްކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދަރިވަރުންގެ ރައްކާތެރިކަމަށްޓަކާ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އައު ޢާންމު ޙާލަތާއެކު ކުރިއަށް ދިޔުމުގައި ސަރުކާރުން މިހާރު ފަށާފައިވާ ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޯވިޑް ވެކްސިން ޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ ކުދިންނަށްވެސް ވެކްސިންގެ ފުރަތަމަ ޑޯޒް މި މަސް ނިމުމުގެ ކުރިން ޖަހައި ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަދު މިފެށުނު ދިރާސީ އައު އަހަރާއެކު ޓީޗަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް އަޅުގަނޑު އުއްމީދުކުރަން. ހަމައެއާއެކު 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ސަރުކާރުގެ މިހާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުން. މިކަމުގައި ފުރިހަމަ އެއްބާރުލުންދެއްވާ ތިބޭފުޅުންގެ ތުއްތުކުދިންނަށް ވެކްސިން ޖައްސަވައިދެއްވުމަށް ހުރިހާ ބެލެނިވެރިންނާއި މައިންބަފައިންގެ އަރިހުން އަޅުގަނޑު އެދެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލެވި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން އާންމު އުޞޫލުން މިއަދު ފެށުމާއެކު ރާއްޖެއަށް މިހާރު މިވަނީ އައު އާންމު ޙާލަތަށް އާދެވިފައިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކޯވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ޤަބޫލުނުކޮށް، ކޯވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެކަމަށް، އަބަދުވެސް ސަމާލުވާންޖެހޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ އުމުރުން 12 އަހަރާއި 17 އަހަރުގެ ކުޑަކުދިންނަށް ދިނުމަށް ނިންމާފައިވަނީ ފައިޒަރ ވެކްސިނެވެ. އެގޮތުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ވަނީ ފައިޒާ ވެކްސިންގެ 128،700 ޑޯޒް ހަދިޔާކޮށްފައެވެ. މި ވެކްސިނަކީ ޑަބްލިއު.އެޗް.އޯގެ އިމަރޖެންސީ އެޕްރޫވަލް ލިބި، ރާއްޖޭގައިވެސް ބޭނުންކުރުމަށް އެމް.އެފް.ޑީ.އޭއިންވެސް ހުއްދަދީފައިވާ ވެކްސިނެކެވެ.