ރިޕޯޓް

ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުން: ރައްޔިތުންނަށް ބޮޑު ހިތްހަމަ ޖެހުމެއް


ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިމާވެފައިވާ ވަރަށް ބޮޑުމައްސަލައެކެވެ. މީގެތެރެއިން ހއ އަތޮޅުން ދިއްދޫއަކީވެސް ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވަމުން އަންނަ ރަށެކެވެ. ދިއްދޫއަށް ރަށްގިރުމުގެ މައްސަލަ މިހާ ބޮޑުވެފައިވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ހއ.ދިއްދޫގެ ހުޅަނގު ފަރާތް ކަންބޮޑުވާ މިންވަރަކަށް ގިރަމުންދާއިރު، އެ ސަރަޙައްދުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ދުއި ސައްތައަށްވުރެ ގިނަ ރުއްވަނީ ނެތި ގޮސްފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުއްﷲ ރަޝީދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެރަށުގެ ހުޅަނގު ފަރާތުން 200 ފޫޓަށްވުރެ ފުޅާ ސަރަހައްދެއް ގިރާފައިވާ ކަމަށެވެ. ދިއްދޫގަ ގިރަމުންދާ ސަރަޙައްދަކީ ރަށުގެ ދޯނި ބަނުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށްވެފައި، ރަށް ގިރުމުގެ ސަބަބުން އެހިސާބުގައި އެހެލާފައިވާ ދޯނިތަކަށާއި ހަރުގެ ތަކަށްވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އަބްދުއްﷲ ރަޝީދު ވިދާޅުވީ" ދިއްދޫއަކީ ޒަމާނުން ސުރެއް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ރަށުގެ މެދުތެރެއިން ވަރަށް ބޮޑަށް ގިރާފަ ވަނި އެހެން ނަމަވެސް މިސަރުކާރުން މިހާރު ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ފަށާފައި ވަނި އެމަސައްކަތް އަންނަ މަސްތެރޭގައި އެކޮށް ނިމާލެވޭނެ އެދާ ބާރު މިނުގަ މަސައްކަތް ކުރިޔަށްދާ ކަމުގަ ވަނީނަމަ"

އަދި އެސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވުމުން މީހުންގެ ގެދޮރަށްވެސް ގެއްލުން ލިބިފައިވާ ކަމަށާއި އެހިސާބުގެ ގެތަކުގެ ފެން ލޮނުވެފައިވާކަމަށް ކައުންސިލްގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަމުގެ ކަންބޮޑުވުން ރައްޔިތުން ވަރަށް ބޮޑަށް ފާޅުކުރަމުންއަންނަ ކަމަށް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަށް ކުރުމުގެ މަސައްކަށް ފާއިތުވެ ދިޔަ އެކި ސަރުކާރުތަކުން ވަނީ ކޮށްފައެވެ. އެހެންނަމަވެސް މިކަމަށް އެކަށީގެންވާ ހައްލެއް މިއަދާ ހަމައަށްވެސް އައިސްފައި ނުވާތި މިކަމުގެ ކަންބޮޑުވުން ރަށުގެ ރައްޔިތުންވަނީ ފާޅުކޮށްފައެވެ. ނަމަވެސް މިކަމަށް ހައްލު ހޯދާދިނުމުގެ މަސައްކަތް މިއަދުގެ ސަރުކާރުން މިވަނީ ފަށާފައެވެ. އެގޮތުން ދިއްދޫގެ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިމަސައްކަތާއެކު ރައްޔިތުންނަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ 65 ސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މިމަޝްރޫގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެ ކަމަށާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 10.02 މިލިއަން ރުފިޔާ އަށެވެ. މި ޕްރޮޖެކްޓު އެމްޓިސީސީއާ ހަވާލު ކޮށްފައިވަނީ މިމަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.