ތަރައްްޤީ

ސޯލަރ ޕަމްޕް ބޭނުންކޮށްގެން ދަނޑުތަކަށް ފެންދޭ ނިޒާމެއް ފައިނުގައި ޤާއިމުކޮށްފި


ސޯލަރ ޕަމްޕް ބޭނުންކޮށްގެން ދަނޑުތަކަށް ފެންދެވޭނެ ނިޒާމެއް ރ. ފައިނުގައި ޤާއިމުކޮށްފިއެވެ.

ފައިނުގައި ޤާއިމުކޮށްފައިވާ މި ނިޒާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ފައިނު ކައުންސިލް ގުޅިގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ.

ފައިނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެރަށުގެ ދަނޑުތަކަށް ފެންދިނުމަށްޓަކާ ޤާއިމުކޮށްފައިވާ މި ނިޒާމު އިފްތިތާޙްކޮށްދެއްވާ، މިނިޒާމް ކައުންސިލާއި ރަސްމީކޮށް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ވަނީ ފައިނުގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ވަޑައިގެން، މި ނިޒާމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

މި މަސައްކަތަކަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ ޑީޕް އިރިގޭޝަން ޕްރޮޖެކްޓަށް ކުރިމަތިލުމަށް ކައުންސިލްތަކަށް 2019 ވަނަ އަހަރު ހުޅުވާލުމުން، ކައުންސިލުން ޕްރޮޕޯސަލް ހުށަހަޅައިގެން، މިނިސްޓްރީގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ.

ފައިނުގައި ޤާއިމުކޮށްފައިވާ މި ނިޒާމް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެރަށުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ފެންދެވޭނެއެވެ. އެގޮތުން ދަނޑުތަކަށް ފެން ދިނުމަށްޓަކާ 750 ކިލޯވޮޓްގެ 4 ސޯލަރ ޕަމްޕެއް ވަނީ ބަހައްޓާފައެވެ. އަދި 250 ކިލޯވޮޓްގެ 16 ސޯލަރ ޕެނަލެއް ހަރުކޮށްފައިވެއެވެ. މި ނިޒާމް މެދުވެރިކޮށް 10،000 އަކަފޫޓުގެ 10 ދަނޑަކަށް ފެން ދެވޭނެކަމަށާއި، މިއީ ދުވާލަކު 1،000 ކިލޯވޮޓްގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެއްކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވީ، ސަރުކާރުގެ އެހީގައި އެރަށުގައި ޤާއިމުކޮށްފައިވާ ޑްރިޕް އިރިގޭޝަން ނެޓްވޯކުގެ ސަބަބުން ފެނާއި ކަރަންޓުގެ ޚަރަދު ކުޑަކުރެވޭނެކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި މިފަދަ ޒަމާނީ ޓެކްނޮލޮޖީއެއް ރަށުގައި ޤާއިމުވެގެންދިއުމަކީ ދެމެހެއްޓެނިވި ގޮތުގައި އެރަށުގައި ދަނޑުވެރިކަން ކުރުމަށް ލިބިގެންދާ ފަހި ފުރުޞަތެއްގެ ގޮތުގައި ކައުންސިލުގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.

"މި ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ރަށުގައި ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ރަށުގެ ފެން ފަށަލައަށްވެސް ގެއްލުންނުވާގޮތަަށް ފެންދެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ބެހެއްޓުން. މިކަމަށް މި ބޭނުންކުރާ ހަކަތައަކީވެސް ސޯލަރ. މި ނިޒާމު ޤާއިމުކުރެވިފައިވާގޮތުން ވަރަށް ބޮޑަށް ފެން ނެގުމުގައިވެސް ބޮޑު ސަރަހައްދަކުން ނަގާތީވެ ރަށުގެ ފެން ފަށަލަށް ލިބޭ ގެއްލުންވެސް ވަރަށް ބޮޑުތަން ކުޑަކޮށްދީފައި މި ހުންނަނީ" ފައިނު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ފައިނުގައި ދަނޑުވެރިކަން ކުރުމަށްޓަކާ 30 ބިމެއް ދޫކުރުމަށް ކަައުންސިލުން ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން މި ޑްރިޕް އިރިގޭޝަން ނެޓްވޯކުގެ މެދުވެރިކޮށް ފެން ދެވޭނީ 10 ދަނޑަކަށެވެ. މި ދަނޑުތަކަކީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ދޫކުރަން ހަމަޖެހިފައިވާ ދަނޑުތަކެކެވެ. ނަމަވެސް 10 އަހަރާއި ހަމައަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި، މޫސުމީ ދަނޑުވެރިކަމަށްވެސް ބިން ދޫކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅުއްވާކަމަށް މޫސާ ވިދާޅުވިއެވެ.

ސޯލަރ ޕަމްޕް ބޭނުންކޮށްގެން ދަނޑުތަކަށް ފެންދިނުމަށްޓަކާ ޤާއިމުކުރެވިގެންދިޔަ މި ނިޒާމަކީ ފެށުމެއްކަމަށާއި، އަމާޒަކީ މި މަސައްކަތް އިތުރަށް ފުޅާކުރުންކަމަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށްޓަކާ މިތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ކައުންސިލުން ޤާއިމުކުރައްވާނެކަމަށްވެސް ފައިނު ކައުންސިލުން ވިދާޅުވެފައިވެއެވެ.

ފައިނުގައި ސަރުކާރުން ކުރިއަށްގެންދާ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިންވެސް ރަށުގައި ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރ. ފައިނަކީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑު ރަށްތަކުގެ ތެރޭގައި ހިިމެނޭ ރަށެކެވެ. 66.6 ހެކްޓަރުގެ މި ރަށުގައި ދިރިއުޅޭ ރައްޔިތުން ޢާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކޮށްއުޅޭ މަސައްކަތްތަކީ ދަނޑުވެރިކަމެވެ.