ޚަބަރު

މައިކަލް ބަލަކްގެ ދަރިފުޅު ސައިކަލް އެކްސިޑެންޓެއްގައި މަރުވެއްޖެ


ޖަރުމަން ގައުމީ ޓީމްގެ ލެޖެންޑް މައިކަލް ބަލަކްގެ ދަރިފުޅު ސައިކަލް އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އުމުރުން 18 އަހަރުގެ އެމިލިއޯ ބަލަކް ސައިކަލް އެކްސިޑެންޓެއްގައި މަރުވެފައިވަނީ ލިސްބަންގައި ހުންނަ ބަލަކްގެ ގެ ކައިރީގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޖަރުމަން ގައުމީ ޓީމްގެ ކުރީގެ ފޯވާޑް މައިކަލް ބަލަކްގެ ކުރިން ކުޅެފައިވާ ޗެލްސީ، ބަޔާން މިއުނިކް އަދި ބަޔާން ލެވަކޫސަންއިންވަނީ މިހިތާމަވެރި ދަނޑިވަޅުގައި ބަލަކްގެ އާއިލާއަށް ތަޢުޒިޔާގެ މެސެޖްތައް ފޮނުވާފައެވެ. އެކުލަބްތަކުން ބުނީ މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އާއިލާއާއެކު ވާކަމަށެވެ.

ޗެލްސީ އާއެކު ޕްރިމިއަރ ލީގާއި އެފްއޭކަޕް ތިން ފަހަރު ބަލަކްވަނީ ކާމިޔާބުކޮށްފައެވެ. ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމިލިއޯގެ މަރުގެ ޚަބަރު އިވުނީ ކުއްލި ހައިރާންކަމަކާއެކު ކަމަށާއި މިދަނޑިވަޅުގައި ކުލަބްގެ ފަރާތުން ބަލަކްގެ އާއިލާއާއި އެކުގައިވާކަމަށެވެ.