ކޯވިޑް-19

ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އޮކްޓޯބަރުމަހު ނިމޭނެ: އެޗް.ޑީ.ސީ


ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އޮކްޓޯބަރުމަހަށް ނިމޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

މި ފެސިލިޓީއަށް ބޭނުންވާ ޞިއްޙީ ސާމާނާއި، ދާއިމީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

"އޮރެންޖް ހިޔާ"ގެ ނަމުގައި ހުޅުމާލޭގައި ހަދާ އައު މެޑިކަލް ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗް.ޑީ.ސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައެވެ. ޢެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސްގެން ހަދާ މި ފެސިލިޓީގެ ހުރިހާ މަސައްކަތެއް ކުރަނީ އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ. މިއީ 2 ފަންގިފިލާއަކަށް ހަދާ ފެސިލިޓީއެކެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މި ފެސިލިޓީގެ ގާތްގަނޑަކަށް 41 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ ޕާޓިޝަންގެ މަސައްކަތާއި، ފެބްރިކޭޝަންގެ މަސައްކަތާއި، ކުލަލުމާއި ސީލިންގގެ މަސައްކަތްތައްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މި މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް އެއްކޮށް ނިމޭނެކަމަށް އެޗް.ޑީ.ސީން ލަފާކޮށްފައިވަނީ އަންނަ އޮކްޓޯބަރުމަހަށެވެ.

މި ފެސިލިޓީގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި، ދާއިމީ މެޑިކަލް ސްޓާފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވަނީ ވިދާޅުވެފައެވެ.

"ފެސިލިޓީގެ އިންފްރާސްޓްރަކްޗަރަށް ގެންނަންޖެހޭ ބަދަލުތަކުގެ %41 ވަނީ ނިމިފައި. އެތަނުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކަށް ބަލާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބޭނުންކުރި ގިނަ އިކުއިޕްމަންޓްތަކެއް އެތަނުގައިވެސް ބޭނުންކުރާނެ. އޭގެ އިތުރަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. އެއާއެއްކޮށް އެތަނަށް ޕަރމަނަންޓް ސްޓާފުން ރެކްރޫޓްކުރުމުގެ މަސައްކަތްވެސް ކުރިއަށްއެބަދޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހަދާ އައު މެޑިކަލް ފެސިލިޓީ ހެދުމުގައި ސަރުކާރުގެ ވިސްނުންހުރީ އޮކްސިޖަން ސިލިންޑަރު އެއްތަނުން އަނެއްތަނަށް އުފުލުމުގެ ބަދަލުގައި، އޮކްސިޖަން ސްޓޭޝަނަކުން ޕައިޕް މެދުވެރިކޮށް އޮކްސިޖަން ބޭނުންކުރެވޭގޮތް ހެދުމެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ފެސިލިޓީ ވެގެންދާނީ ކޯވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް ކުރިމަތިވިޔަސް ފަރުވާގެ ކަންކަމަށް ދަތިނުވާނެހެން ޚިދުމަތްދެވޭނެ ތަނަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. އެޗް.ޑީ.ސީން ވިދާޅުވެފައިވަނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ ވީހާވެސް އަވަހަށް ފެސިލިޓީގެ މަސައްކަތް ނިންމާ، ސަރުކާރާއި ހަވާލުކުރުމަށްކަމަށެވެ. މި ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މީގެ ކުރިން ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކޯވިޑަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގައެވެ. ނަމަވެސް މިދިޔަ އަހަރު ޖޫންގައިވަނީ ހުޅުމާލޭގައި "ކޯވިޑް މެޑިކަލް ފެސިލިޓީ" ހަދާ، އެތަނުގައި ކޯވިޑާ ގުޅުންހުރި ފަރުވާދޭން ފަށާފައެވެ. މި ފެސިލިޓީގެ ޚިދުމަތްފެށީ 290 އެނދާއެކުއެވެ. ނަމަވެސް ފަހުންވަނީ އެނދުގެ އަދަދު އިތުރުކޮށްފައެވެ. އަދި މިދިޔަ މޭމަހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ބައެއްވެސް ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.