ކޯވިޑް-19

ވެކްސިން ނުޖަހާނަމަ ކަރަންޓީނުވުމަށްފަހު ޕީސީއާރް ޓެސްޓު ހަދަންޖެހޭނީ އަމިއްލަ ޚަރަދުގައި


ކޯވިޑުން ދިފާޢުވުމަށް ވެކްސިން ނުޖަހާ ފަރާތްތަކުން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަންޖެހޭނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.އޯ.ސީން ނިންމަވައިފިއެވެ.

އެ ސެންޓަރުން ވިދާޅުވީ މިގޮތަށް ޢަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރުމަހުގެ އެކަކުން ފެށިގެންނެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު އަމަލުކުރަންޖެހޭ އުޞޫލަށް އަންނަމަހުގެ އެކަކުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ. އަދި މިގޮތަށް ނިންމީ ވެކްސިން ޖަހާ މީހުންގެ ނިސްބަތް އަދިވެސް އެންމެ ބޭނުންވާ މިންވަރަށް އިތުރުނުވާތީ، ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުންކަމަށް ނަޒްލާ ވިދާޅުވިއެވެ. އެޗް.ޕީ.އޭގެ އުޞޫލުގައިވާގޮތުން ވެކްސިން ނުޖަހާ މީހުން ބަލި އުޅޭ ރަށަކުން ދަތުރުކުރާނަމަ ކަރަންޓީންވާންޖެހެއެވެ. އަދި އެފަރާތްތަކަށް ރަށުތެރެއަށް ނިކުމެވޭނީ ނެގެޓިވް ޕީ.ސީ.އާރް ޓެސްޓަކާއެކުއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށްއޮތްތާނގައިވެސް މި އުޞޫލު ދެމި އޮންނާނެކަމަށެވެ. އެހެންނަމަވެސް އަންނަމަހުން ފެށިގެން މިގޮތަށް ވެކްސިން ނުޖަހާ، ކަރަންޓީންވާ ފަރާތްތަކުން ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭނީ އަމިއްލަ ޚަރަދުގައިކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ވެކްސިން ނުޖަހާ ބަލި އުޅޭ ރަށަކުން ދަތުރުކުރާ ފަރާތްތައް އެބަޖެހޭ ކަރަންޓީނުވާން މިހާރު މި އޮތް އުޞޫލުން. ކުރިއަށް އޮތްތަނުގައިވެސް ކަރަންޓީނު ވާންޖެހޭނެ. އެހެންނަމަވެސް ކަރަންޓީނުވެފައި މި ނަގާ ރިލީޒް ސާމްޕަލް އެކެއް ސެޕްޓެމްބަރުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކޮށްފައި ކަރަންޓީނުވެފައި މި ނަގާ ރިލީޒް ސާމްޕަލް އެބޭފުޅުން އަމިއްލަ ޚަރަދުގައި ހަދަންޖެހޭގޮތަށް މިވަނީ ހަމަޖެހިފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ނުޖަހާ ފަރާތްތަކުން ކަރަންޓީންވުމަށްފަހު އަމިއްލަ ޚަރަދުގައި ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭގޮތަށް ނިންމާފައިވާއިރު، އާބާދީގެ ނިސްބަތުން ވަކި ވަރަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުން ދަތުރުކުރާނަމަ އިތުރު ލުއިތަކެއްވެސް ދިނުމަށް އެޗް.އީ.އޯ.ސީން ވަނީ ނިންމަވާފައެވެ. އެގޮތުން %5 އަށްވުރެ ޕޮޒިޓިވިޓީ ދަށް ރަށްރަށުން ވެކްސިން ޖަހާފައި ތިބި މީހުން ދަތުރުކުރުމުގެ ކުރިން މިހާރު ހަދަންޖެހޭ ޕީ.ސީ.އާރް ޓެސްޓު އެކެއް ސެޕްޓެމްބަރުން ފެށިގެން ހަދާކަށް ނުޖެހޭނެއެވެ. މި ލުއި ދޭން ނިންމާފައިވަނީ 12 އަހަރުން މަތީގެ އާބާދީގެ %90 މީހުންނާއި، އެ ރަށެއްގެ 60 އަހަރުން މަތީގެ %95 މީހުން އަދި ގެސްޓް ހައުސް ވިޔަފާރިކުރާ ރަށެއްނަމަ އެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ %95 މީހުން ވެކްސިން ކަވަރޭޖް ފުރިހަމަކޮށްފައިވާ ރަށްރަށުން ދަތުރުކުރާ ފަރާތްތަކަށެވެ.