ކޯވިޑް-19

އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާނީ ސެޕްޓެމްބަރު އެކެއްގެ ނިޔަލަށް


ރާއްޖޭގައި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށްދާނީ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއަށް ލިބިފައިވާ އެސްޓްރާޒެނެކާ ވެކްސިން ޑޯޒްތަކުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރުމަހަށް ހަމަވާނެތީއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގައި އެއްވެސް ވެކްސިނެއް ނުޖަހާ މީހުންގެ އަދަދު މަދުވެފައި، ސެމްޓެމްބަރު އެކަކާ ހަމައަށް މީހުންނަށް ވެކްސިން ޖެހުމަށް ޑިމާންޑް ލިބިއްޖެނަމަ، އެހާތާނަށް އެ މަސައްކަތް ނިންމޭނެ ކެޕޭސިޓީ އެބަހުރިކަމަށެވެ. އަދި އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީ 8 ހަފްތާފަހުންކަމަށާއި، ދެމަސްފަހުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްވެސް ތައްޔާރުވާންޖެހޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ ވެކްސިނަކީވެސް އޭގެ ޒާތުގައި ވަރަށް ކުޑަ ޝެލްފް ލައިފެއް އޮންނަ ވެކްސިނެއްކަމުން، އެއްވެސް ވެކްސިނެއް އެކްސްޕަޔަރވުމުގެ ކުރިން ނުޖެހި ބޭކާރުވެގެންދާން ބޭނުންނުވާކަމަށެވެ.

"ވެކްސިން އުފައްދާއިރުވެސް އެންމެ 6 މަސް ދުވަސް ވެކްސިންގެ މި ހުންނަނީ ޝެލްފް ލައިފް. އަދި އުފެއްދުމަށްފަހު ވެކްސިންގެ ޝިޕްމަންޓް އެއްވެސްތާކަށް މި ފޮނުވެނީ އޭގެ ކޮލެޓީ އެޝުއަރެންސްގެ ބައެއް ކަންތައްތައް ނިންމުމަށްފަހު. އުފެއްދި ބެޗެއްގެ ޓެސްޓުތަކެއް ނިންމުމަށްފަހު. އެހެންވީމަ އެ ޓެސްޓިންގ ނިންމުމަށްފަހު ވެކްސިން އަންނައިރު 6 މަސް ދުވަހަށްވުރެއްވެސް ކުރު މުއްދަތެއް މި ލިބެނީ ވެކްސިނުން ޑޯޒްތައް ޖަހާ ނިންމުމަށް. އެހެންވީމަ އަޅުގަނޑުމެން އެއްވެސް ވެކްސިނެއް އުކާލާކަށް ނޫނިއްޔާ ބޭކާރުވާކަށެއް ބޭނުމެއްނޫން. ވަރަށް މުހިއްމު ރިސޯސެއް. ވަރަށް ގިނަ ޤައުމުތަކަށް ލިބެން ދަތިވެގެން އުޅޭ ރިސޯސެއް މިއީ. މީގެ ބޭނުން އެންމެ ރަނގަޅަށް އަޅުގަނޑުމެން ކުރަން އެބަޖެހޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް އެސްޓްރާޒެނެކާއިން އުފައްދާފައިވާ "ކޯވިޑް-19 ވެކްސިން އެސްޓްރާޒެނެކާ" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިދިޔަ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ޖޫންމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި އަންނަނީ މި ވެކްސިން ޖަހަމުންނެވެ.

އެޗް.އީ.އޯ.ސީން ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ ގާތްގަނޑަކަށް %21 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާކަމަށެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން %40 މީހުން އަދިވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ. ރާއްޖޭގައި ގިނަ މީހުން ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން ހޯދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށްވެސް ރާއްޖޭގައި މިހާރު އަންނަނީ އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ޖަހަމުންނެވެ. މީގެސަބަބުން ޞިއްޙީ އިތުރު މައްސަލައެއް ކުރިމަތިނުވާނެކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.