ކޯވިޑް-19

"ވެކްސިން ފުރިހަމަ ނުކުރާނަމަ ދެން ސްކޫލްތަކަށް ވަދެނުހެދޭނެ"


އަންނަމަހުގެ އެކަކުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުމެވޭނީ ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ނިންމެވީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށާއި، ކޯވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްކަމަށެވެ.

ސެޕްޓެމްބަރު އެކަކުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުތުމުގެ ހުއްދަ ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަށްކޮށްފައިވާ ފަރާތްތަކަށް އެކަނި ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާއިރު، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ އަންގަވާފައެވެ. އަދި ދިރާސީ އައު އަހަރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި، ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ޖެހޭގޮތަށް މިނިސްޓްރީންވަނީ ނިންމަވާފައިވެއެވެ. ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ހިންގާ ކޯވިޑް19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށާއި ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކޯވިޑް ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކާ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ފަސޭހަތައް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ހޯއްދަވައިދެއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތްނަމަ، އެ ސަބަބު އަންގައިދޭ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ސްކޫލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، ސްކޫލްތަކަށް ނުކުތުމުގެ ކުރިން ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭ ގޮތަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާފައިވެއެވެ.

ކިޔަވައިދިނުމުގެ ކަންކަން އާންމު ހާލަތުގައި ކުރިއަށްގެންދިއުމަށްޓަކާ ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒްތައް ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ބާރުއަޅުއްވައެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަންޖެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަށްވެސް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. އަދި އެކެޑެމިކް ކަލަންޑަރަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަހަރުގެ ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން 2022 ވަނަ އަހަރުގެ ޖެނުއަރީ 16 ގައި ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިމި، 2021 އަހަރުގެ ދިރާސީ އަހަރު ނިމޭނީ 30 ޖޫން 2022 ގައެވެ.