ޚަބަރު

ބަނދަރާއެކު ށ.ފޯކައިދޫއަށް އައު އުއްމީދެއް


ގަދަ ވިއްސާރައިގައި އެތައް ބައެއްގެ އުޅަނދުތައް ހަލާކުވީފަހުން ށ.ފޯކައިދޫގައި ތަރައްޤީކުރާ ބަނދަރުވެފައިވަނީ އެރަށުގެ ރައްޔިތުންނަށް އުއްމީދީ ބަނދަރަކަށެވެ. މިއާއެކު ވިއްސާރަ މޫސުމުގައި ބަނދަރު މަތީގައި އެތައް ބަޔަކު ހަމަ ނިދި ނަގާލާފައި ތިބި ތިބުމަށް ނިމުމެއް އަންނާނެކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.

އާބާދީގައި ގާތްގަނޑަކަށް 1700އެއްހާ މީހުން ދިރިއުޅޭ ށ.ފޯކައިދޫގައި ބަނދަރު މިހާތަނަށް ވެފައިވަނީ އެރަށު ރައްޔިތުންނަށް ފަސޭހައަށްވުރެ ބޮޑަށް ގެއްލުންދޭ ތަނެއްގެ ގޮތުގައެވެ. އެގޮތުން އެރަށު ރައްޔިތުންގެ އެތައް މުދަލެއް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށް އެތައް ބަޔަކަށް އެތައް ހާނިކައެއް އެބަނދަރުގައިވަނީ ވެފައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ށ.ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ ރައްޔިތުންނަށް ހަމަޖެހިގެން ބަނދަރު ބޭނުންކުރެވެނީ އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް އިރުވައި މޫސުމުގެ 4 މަހެއްހާ ދުވަހުކަމަށެވެ.

ވިއްސާރަވެއްޖެނަމަ ދޯންޏާއި ލޯންޗާއި ޑިންގީ ގެންގުޅޭ ގިނަ ބަޔަކު ބަނދަރުމަތީގައި ތިބޭކަމަށް އާސިފް ވިދާޅުވިއެވެ. އަދި ވިޔަފާރި ބޭނުންތަކަށާއި އެނޫންވެސް ބޭނުންތަކަށް އެރަށަށް އަންނަ އެހެން އަތޮޅު ތަކުގެ އުޅަނދު ތަކަށްވެސް ބޮޑެތި ގެއްލުންވެފައިވާކަން އާސިފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުއްލި ޙާލަތުގައި ފުރުވަންޖެހޭ މާބަނޑު މީހުންނާއި އެހެނިހެން ބަލީގެ މީހުން ފުރުވުމުގައިވެސް ދަތިތަކެއް ހުރިއިރު އެތައް ބަޔަކު ލޯންޗަށް އެރުމުގެ ތެރޭގައިވެސް ހިތާމަވެރި ޙާދިސާތައް ހިނގާފައިވާކަން އާސިފް ފާހަގަކުރެއްވިއެވެ.

"ވަރަށް ޒަމާން ވެއްޖެ ބަނދަރުގެ ދަތިކަން ކުރިމަތިވެ ވަރަށް ޙާލުގަ ރައްޔިތުން އުޅޭތާ. ވިއްސާރަ ވެއްޖެނަމަ ރައްޔިތުން ތިބެންޖެހެނީ ބަނދަރުގަ ދޯނިތަކަށް ގެއްލުންވެދާނެތީ. ވިއްސާރަ ވީމަ މިޖެހެނީ ބަނދަރުން ބޭރުގަ ދޯނިތައް ބަހައްޓަން. އެހެން ނޫނީ ޖެޓީގައި ޖެހިޖެހި އެބަހުރި ބޭނުން ނުކުރެވޭ ވަރަށް ދޯނިތައް ހަލާކުވެފައި." އާސިފް ވިދާޅުވިއެވެ.


2003 ވަނަ އަހަރު ފޯކައިދޫ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. 16 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ޙަވާލުކުރިނަމަވެސް ކޯވިޑް-19އާއި ގުޅިގެން މަސައްކަތްވަނީ ކޮންމެވެސްވަރެއްގެ ހުއްޓުމެއް އައިސްފައެވެ. އެމްޓީސީސީއިން ވިދާޅުވާ ގޮތުގައި ބަނދަރުގެ 41 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިއީ 52.7 މިލިއަން ދިވެރި ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓްވެސް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.