ކޯވިޑް-19

އޯގަސްޓުގެ ނިޔަލަށް އެންމެންނަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއް: ރައީސް


އަންނަ އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޯވިޑްގެ ޙާލަތަކީވެސް، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ޙާލަތެއްކަމަށެވެ. އަދި. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާކަމަށެވެ.

ކޯވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހާތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެސްފައިވާކަމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ. އަދި ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ ޢުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގްރާމާގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް. ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، މާތް ﷲގެ އިރާދަފުޅާއެކު، ރާއްޖެއަށް ހުރީ ވެކްސިން ގެނެވިފައި، އެހެންކަމުން، މިފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޯވިޑާއެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ކަމަަށެވެ. އަދި ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރިކަމާއެކު، މަސައްކަތް ފެށުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކޯވިޑްގެ މި އުނދަގޫ ޙާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މަސައްކަތް މިކުރަނީ، ކޯވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މިދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް. އޭގެ ތެރެއިންވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި ފުރަތަމަ ޑިގްރީއާ އަށް ހިލޭ ކިޔަވައިދިނުން ފަދަ، ތަޢުލީމާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ މެދުކެނޑުމެއް ނެތި އަދިވެސް ކުރިއަށް ގެންދިއުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކޯވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ޞިއްޙީ ޚިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.