ތަރައްްޤީ

"ގްރޭޓަރ މާލެ ގްރިޑް މެދުވެރިކޮށް މާލެއިން ހުޅުމާލެއަށް މިހާރު ކަރަންޓު ފޯރުކޮށްދެވޭނެ"


މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް މިހާރު ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ގްރޭޓަރ މާލޭ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ސްޓެލްކޯއިން މިމަހުގެ 17 ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވެ، ގްރިޑްގެ ފުރަތަމަ ސާކިޓް ކާމިޔާބުކަމާއެކު އެކުންފުނިން ވަނީ އެނަރޖައިޒްކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ އިންޖީނުގެއާއި މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުމުގެ މަސައްކަތް އިއްޔެކޮށްފައިވާއިރު، އެ މަސައްކަތްވެސް ވަރަށް ކާމިޔާބުކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓަރ މާލެ ގްރިޑާއެކު ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް އެކުންފުނިން ގިރާކޮށްފައިވާކަމަށެވެ. އަދި މި ގްރިޑާއެކު އެކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެކަމަށެވެ.

ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސްޓެލްކޯގެ ޒުވާން ޓެކްނީޝަނުންނާއި އިންޖީނިއަރުންގެ ޓީމެވެ. ސްޓެލްކޯއިން ވަނީ މިފަދަ މަލްޓި މިލިއަން ޑޮލަރުގެ މަޝްރޫއުތަކުގައި އިސްކޮށްތިބެ އެކުންފުނީގެ ޒުވާން ޓީމުން ކުރަމުންދަނީ ފަޚުރުވެރިވާފަދަ ބުރަ މަސައްކަތެއްކަން ފާހަގަކޮށް، ކޯވިޑްގެ ދަތި ހާލަތުގައިވެސް މި މަސައްކަތް ކާމިޔާބުކަމާއެކު، ނިންމާލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންގެންދާ އެކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

މި ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައިވަނީ އަންނަ ބުދަދުވަހުއެވެ. އެދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ އަންނަ ބުރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓު އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.