ޚަބަރު

އިތުރު 4471 މީހުން ވެކްސިން ފުރިހަމަކޮށްފި


.ރާއްޖޭގައި ކޯވިޑު ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 4000 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 246،841 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 4،471 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1،727 މީހުންނާއި އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 2،744 މީހުންނެވެ.

ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދުވަނީ 246،841 އަށް އަރާފައެވެ. މިއީ ވެކްސިން ޖެހޭ އާބަދީގެ 50 އިންސައްތައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 334 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަޙައްދުން ޖެހި 230 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 104 މީހުންނެވެ. އަދި ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 319،712 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުގެ އޭޕްރީލްމަހު ކޮވިޝީލްޑް ފުރަތަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް އުޞޫލުން ވެކްސިން ޖެހުމަށްޓަކައި http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. މިހާރު ހުޅުވާލާފައިވާ ފުރުޞަތުގެ ދަށުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ.