ޚަބަރު

ކޯވިޑް ވެކްސިން ޖެހޭ އާބާދީގެ %50 ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑްގެ ވެކްސިން ޖެހޭ އާބާދީގެ %50 މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ. ރާއްޖޭގައި ކޯވިޑްގެ ވެކްސިން ޖަހައިދެމުން ގެންދަނީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން ދެލައްކަ ސާޅީސް ދެ ހާހަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ތިންލައްކަ ނަވާރަ ހާހަށްވުރެ ގިނަ މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އާބާދީގެ %50 އަށްވުރެ ގިނަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

"ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު، މިހާރު ވެކްސިން ޖަހަންޖެހޭ އުމުރުފުރައިގައި، އެއީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، 50 ޕަސެންޓަށްވުރެ ގިނަ މީހުންނަށް، މިހާރު އަޅުގަނޑުމެން، އިއްޔެއާ ހަމައަށް ވަނީ ދެ ޑޯޒް ޖަހައި ވެކްސިނޭޝަން ފުރިހަމަކުރެވިފަ. އެހެންވީމާ މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް." ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޢާންމުކޮށް ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. ފައިޒާ ވެކްސިން ޖަހަނީ ހާއްސަ ހާލަތްތަކުގައެވެ.

ރާއްޖޭގައި ފުރަތަމަ ކޯވިޑް ވެކްސިން ޖަހަންފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން އެންމެ ފުރަތަމަ ޖަހަންފެށީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ އެޅި ފިޔަވަޅުތަކާއެކު އެޤައުމުން، ވެކްސިން ލިބުމުގައި ދަތިތަކާ ކުރިމަތިވިއެވެ. އަދި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބިމީހުން ދެވަނަ ޑޯޒް ނުޖެހި އެތަކެއް ދުވަހު މަޑުކުރަން ޖެހުނެވެ.

އެހެންނަމަވެސް މި ޖުލައި މަހުގެތެރޭގައި ހެޔޮ އެދޭ ފަރާތަކުން ވަނީ ކޮވިޝީލްޑުގެ 60،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެއާއެކު އަނެއްކާވެސް ވެކްސިން ޖަހާ މީހުންގެ ޢަދަދު މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އަދި މިހާރު ކޮވިޝީލްޑް ވެކްސިން ޖަހާދެމުން އަންނަނީ އެޕޮއިންޓްމެންޓ އުޞޫލުންނެވެ.

ކޯވިޝީލްޑް ވެކްސިންއާއި ސިނަފޯމް ވެކްސިން ހިމެނޭހެން ޖުމުލަ 7 ވެކްސިނެއް ޖެހުމުގެ ހުއްދަ ދީފައިވާއިރު ރާއްޖެއަށް ބޭނުންވާ އިތުރު ވެކްސިން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވެއެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނަކަ ވެކްސިން މިމަހުގެ ތެރޭ ގެންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެމެރިކާއިންވެސް ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.