ކޯވިޑް-19

އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ


އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހުޅުވާލައިފިއެވެ. އެ އެޖެންސީން ވިދާޅުވީ، މިދިޔަ އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ދެވަނަ ޑޯޒް ޖެހުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ.

ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިފަހަރު މި މަސައްކަތް އެޗް.ޕީ.އޭއިން ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ އަދި މާރިޗުމަހުގެ ތެރޭގައި ވެކްސިން ޖެހި މީހުންނަށެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްވެސް ދެވަނަ ޑޯޒް ޖެހޭނެކަމަށެވެ.

އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު މީހާއާއި ބެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެ ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ހަމަޖެހިފައިވާ އެޕޮއިންޓްމަންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. އަދި ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށާއި، އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަދަންޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.


ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި، ވެކްސިން ކާޑު ގެންދަންޖެހޭނެއެވެ. އަދި އެ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީނުގައި ހުރި މީހަކަށް ވެގެންނުވާއެވެ. ކޮންމެ މީހަކުވެސް ވެކްސިން ޖަހަންދާއިރު ގަޔަށްދޫ، ވެކްސިން ޖެހުމަށް ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރަނގަޅަށް ކައިގެން ދިއުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ސަމާލުވުމަށްވެސް އެ އެޖެންސީން އެދިފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ދުނިޔޭގެ ބާޒާރަށް ކޯވިޑާގުޅިގެން ނެރުނު ވެކްސިންތަކުގެ ތެރެއިން ރާއްޖޭގައި ހުއްދަދެވިގެން އެންމެ ފުރަތަމަ ޖަހަންފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ބަޔަކު މިހާތަނަށް ޖަހާފައިވަނީވެސް މި ވެކްސިނެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓްތައް ހޯދުމުގައި ކުރިމަތިވި ދަތިތަކާއެކު ރާއްޖޭގައި މި ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައިއިން ތައްޔާރުކޮށް އުފައްދާ ވެކްސިނެކެވެ. މި ވެކްސިނާގުޅޭގޮތުން އެޗް.ޕީ.އޭއިން މީގެކުރިން ވިދާޅުވެފައިވަނީ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާއި، ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެވިފައިވާ ވެކްސިނެއްކަމަށެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން، ރާއްޖޭގެ އެކި ހިސާބުތަކަށް މި ވެކްސިން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަންވެސް އެ އެޖެންސީން ހާމަކުރައްވައެވެ.