ތަރައްްޤީ

ފޮއްދޫ ރައްޔިތުން ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއްގެ އިންތިޒާރުގައި


ނ.ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ. އެގޮތުން ފެންފަށަލަ ލޮނުވުމާއި، ނުބައި ވަސް ދުވުމާއި، ބިމު އަޑިއަށް ނަޖިސް ފެން ހިންދާ ޖަންކްޝަން ހެދުމުގެ ސަބަބުން މިމައްސަލަ ގިނަ ރަށްރަށުގައިވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. މިފަދަ އެއް ރަށަކީ ނ. ފޮއްދޫއެވެ.

އާބާދީގައި ގާތްގަނޑަކަށް 480 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފޮއްދޫގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި މިކަމަށް އަވަސް ހައްލެއް ލިބިގެންދިއުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދެވެ. ފޮއްދޫ ރައްޔިތުން ޒަމާންތަކެއްވަންދެން ދެކެމުންދިޔަ ހުވަފެނުގައި ހަޤީޤީ ކުލަ މިހާރު ޖެހެން ފަށާފައިވާއިރު، ރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން ސަރުކާރުން ދަނީ ކުރަމުންނެވެ.

މިގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފޮއްދޫއަށް ގެންގޮސްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފޮއްދޫ ކައުންސިލުގެ ރައީސް، މުޙައްމަދު މޫސާ ވިދާޅުވީ، އެރަށުގެ ފެން ފަށަލަ މިހާރު އެއްކޮށްކަހަލަ ގޮތަކަށް ތަޣައްޔަރުވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. ރަށުގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ ކައުންސިލާއި އަދި ރަށުގެ ރައްޔިތުންވެސް ވަރަށް އިންތިޒާރުކުރަމުންދާ މަޝްރޫޢެއްކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫޢެއްގެ ސަބަބުން މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުވެ، އިޤްތިޞާދީ އިތުރު ހަރަކާތްތަކަށް ރަށް ހުޅުވާލުމަށް މަގުފަހިވެގެންދާނެކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ދަތިތަކާކުރިމަތިވޭ. މިހާރުވެސް ފެން ފަށަލަ ހަމަ އެއްކޮށް ސަކަރާތްވެފައި އެވަނީ. ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑު އެކަމުގައި. ރައްޔިތުން ވަރަށް އެދޭކަމެއް އަވަހަށް މި މަޝްރޫޢުގެ މަސައްކަތް ނިމިގެންދިއުމަކީ. މިކަމުގައި ކައުންސިލަށްވެސް ކޮށްދެވެންހުރި ހުރިހާކަމެއް ކުރަމުންމިދަނީ" ފޮއްދޫ ކައުންސިލުގެ ރައީސް މުޙައްމަދު މޫސާ ވިދާޅުވިއެވެ.

ފޮއްދޫގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޮއްދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 58.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފުރިހަމަ ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ފޮއްދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.