ޚަބަރު

ކޯވިޑަށް ޓެސްޓުކުރި ސާމްޕަލްތައް މިލިއަނަކަށްވުރެ މައްޗަށް


ކޯވިޑް ބަލި ދެނެގަތުމަށް ރާއްޖޭގައި ޓެސްޓު ކުރި ސާމްޕަލްތަކުގެ ޢަދަދު އެއްމިލިއަނަށްވުރެ މައްޗަށް ގޮސްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ރާއްޖޭގައި ޓެސްޓުކުރުމަށް މިހާރު 4000އާއި 7000އާ ދެމެދުގެ ސާމްޕަލްތައް ކޮންމެ ދުވަހަކުވެސް ނަގައެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއެކު ސަރުކާރުން އެންމެ އިސްކަމެއްދިން އެއްކަމަކީ ރާއްޖޭގައި ބަލިދެނެގަތުމަށް ކުރެވޭ ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖައްސާ ކެޕޭސިޓީ އިތުރުކުރުމެވެ. މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި އެންމެ ފުރަތަމަ ކޭސްތައް ރާއްޖޭގައި ފެނިގެންޔައިރު ޓެސްޓުކުރުމަށް ސާމްޕަލް ފޮނުވަންޖެހެނީ އަވައްޓެރި އިންޑިއާއަށެވެ. އެހެންނަމަވެސް ބައްޔަށް އަހަރެއްވެގެން ދިޔައިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓެސްޓުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި ދުވާލެއްގެ މައްޗަށް ޓެސްޓުކުރެވެ އިންސައްތަވެސް ވަނީ އިތުރުކޮށްފައެވެ.

ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭ އިންތިޒާމު މިދިޔަ އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހު ހަމަޖެހިގެންދިޔަފަހުން މިހާތަނަށް 1،087،705 (އެއްމިލިއަން އަށްޑިހަ ހަތްހާސް ހައްސަތޭކަ ފަސް) ސާމްޕަލްވަނީ ޓެސްޓުކޮށްފައެވެ. ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މިވަގުތުވެސް ޓެސްޓުކުރެވޭ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ޓެސްޓުކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލ.އަތޮޅާއި ގދ.އަތޮޅާއި ރ.އަތޮޅާއި ޅ.އަތޮޅުގައި ޓެސްޓުކުރެވޭ ނިސްބަތް އިތުރުކުރުމަށް އިތުރު ފެސިލިޓީތަކެއް ހަދަން މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެކްޓިވް ކޭސްތައް 3000 ދަށަށް

ކޯވިޑްގެ ޙާލަތު ރާއްޖޭގައި ބަދަލުވަމުން އަންނައިރު ވޭތުވެދިޔައީ މިބަލީގައި ރާއްޖެ ދުށް ނުރައްކާތެރި ރާޅެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއަހަރު ފެށުނުފަހުން ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ޖެހުއަރީ މަހު އެވްރެޖްކޮށް ޕޮޒިޓިވްވީ މީހުންގެ ޢަދު ހުރީ 100އިން މަތީގައެވެ. އޭރު ރާއްޖޭގެ އެކްޓިވް ކެސްތަކުގެ ޢަދަދު ހުރީ 3000އިން މަތީގައެވެ. އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު ކޭސްތަކުގެ ޢަދަދު 200އިން މައްޗަށް އެރީ މާޗްމަހުގެ ތެރޭގައެވެ. މިއާއެކު އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 5000 މައްޗަށް ގޮސްފައެވެ. މެއިމަހުގެ ތެރޭގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދުތައް ހާހުން މައްޗަށް ގޮސްފައިވާއިރު މަސްފެށުނުއިރު 8000ގައި ހުރި އެކްޓިވް ކޭސްތައްވަނީ 24900އަށް އަރާފައެވެ.

ހަރުކަށި ފިޔަވަޅުތަކާއެކު ޖޫންމަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައްވަނީ 400އިން ދަށަށް ދާންފަށާފައެވެ. މިއާއެކު މަސްފެށުނުއިރު 24 އިންމަތީގައި ހުރި އެކްޓިވް ކޭސްތައް މަސް ދެބައިވީއިރުވަނީ 8000އިން ދަށަށް ގޮސްފައެވެ. ޖުލައި މަސް ފެށުނުއިރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް 100ގައިވަނީ ހިފެހެއްޓިފައެވެ. މިމަސްފެށުނުއިރު އެކްޓިވް ކޭސްތައް 3000އިން މަތީގައި ހުރުމަށްފަހު މިމަހުގެ 7ވަނަ ދުވަހުން ފެށިގެން އެކްޓިވް ކޭސްތައްވަނީ 3000އިން ދަށަށް ޖެހިފައެވެ. 2900ގައި ހުރުމަށްފަހު އެންމެ ފަހުން އެޗްޕީއޭއިން ޢާއްމުކުރި ތަފާސްހިސާބުގައިވަނީ އެކްޓިވްކޭސްތައް 2400އަށް ދަށަށްގޮސްފައެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ ނިސްބަތް ދަށަށް ދިޔުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ ކުރިއަށް އޮތް ޗުއްޓީ ތެރޭގައި ދަތުރުކުރެވޭނެ ހުއްދަވަނީ ދީފައެވެ. އެހެންނަމަވެސް ދަތުރުކުރުމުގައިވެސް ޚާއްސަ އުސޫލުތަކެއް އެކުލަވާލާ ރަށްރަށުގައި އުޅޭއިރުވެސް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މީހުން އެއްވެގެން ބާއްވާ ޙާރަކާތްތައް މިދުވަސްވަރު ބަންދުތެރޭގައިވެސް ނުބޭއްވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.