ޚަބަރު

ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 220،000އަށްވުރެ މައްޗަށް


ރާއްޖޭގައި ކޯވިޑު ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 1،289އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ ދެލައްކަ ވިހި ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހުކުރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ނުޖެހި ނަމަވެސް އަތޮޅު ތެރޭގައި ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް، އަތޮޅުތަކުން 1،289 މީހުން ޖަހާފައިވެއެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 220،950 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ، މާރިޗު މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.