ވިޔަފާރި

ކައުންސިލުތަކުގެ ބަޖެޓު އެކުލަވާލަން ބޭނުންވާ މަޢުލޫމާތު ފޮނުވަން އަންގައިފި


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް ކައުންސިލުތަކުން ބޭނުންވާ މަޢުލޫމާތު ފޮނުވުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވައިފިއެވެ.

ކައުންސިލުތަކުގެ ބަޖެޓް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ފޮނުވުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވަނީ އޯގަސްޓްމަހުގެ 31 ގެ ނިޔަލަށެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވާ ކައުންސިލްތަކަށް ފޮނުއްވި ސަރކިއުލަރގައި ބުނެފައިވަނީ ކައުންސިލުތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލުތަކުގެ ބެޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މި އުޞޫލުގައިވާގޮތުގެ މަތިން ކައުންސިލުތަކުގެ ބަޖެޓު މަޢުލޫމާތުތައް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ މަރުހަލާގައި، މަޖިލީހާ ހިއްސާކުރުމަށް ޤަޞްދުކުރާކަމަށްވެސް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުއްވި ސަރކިއުލަރގައި ބަޖެޓާގުޅޭ މަޢުލޫމާތުތައް ހިއްސާކުރަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމެޓްތަކާ އެއްގޮތަކަށް ބުނެފައިވެއެވެ. އަދި ބަޖެޓް ތައްޔާރުކުރާއިރު ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑުގެ އިތުރުން ކައުންސިލްތަކަށް ލިބޭ އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަންނަ އަހަރު ކައުންސިލުތަކަށް ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަންވާނީ 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފަިއވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރގައި ވަނީ ބުނެފައެވެ. އަދި މި ޢަދަދުތައް 2022 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓުގައި މުރާޖަޢާކުރެވޭނެކަމަށާއި، ކައުންސިލްތަކުން ބަޖެޓް ފައިނަލް ކުރާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުގެ މަތިން 2022 ވަނަ އަހަރުގެ ދައުލަތުގެ މެދުރާސްތާގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ ޢަދަދުތަކަށް ރިޢާޔަތްކޮށްގެންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.