ކޯވިޑް-19

ކޯވިޑާގުޅިގެން އެޑްމިޓްކޮށްގެން ދެވޭ ފަރުވާތަކަށް ފައިސާ ދައްކާކަށް ނުޖެހޭނެ: އައި.ޖީ.އެމް.އެޗް


ކޯވިޑް-19 އާއި ގުޅިގެން އެޑްމިޓްކޮށްގެން ދެވޭ ފަރުވާތަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗުން މިކަން ހާމަކުރައްވާފައިވަނީ ކޯވިޑާއި ގުޅިގެން އެނދުމަތިކޮށްފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާގުޅިގެންނެވެ. އައި.ޖީ.އެމް.އެޗް.އިން ވިދާޅުވީ، ކޯވިޑް ޖެހިގެން އެޑްމިޓްކޮށްގެން ދެވޭ ފަރުވާތަކަށް ދިވެހިންނާއި ބިދޭސީންވެސް ފައިސާ ދައްކަން ނުޖެހޭނެކަމަށެވެ.

ކޯވިޑްގައި ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް އަންހެނަކާއި، އޭނާގެ ބަނޑަށް ހަތްމަހުގައި ނަގަންޖެހުނު ދަރިފުޅުގެ ހޮސްޕިޓަލް ބިލަށް 3 ލައްކައެއްހާ ރުފިޔާ އަރާފައިވާކަމަށާއި، ބިލަށް އަރާފައިވާ ފައިސާ އައި.ޖީ.އެމް.އެޗުން މަޢާފުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.


ރާއްޖޭގައި ކޯވިޑް-19 އިން ދިފާޢުވުމަށް ކުރާ މަސައްކަތްތަކުގައި ދޭސީއެއް ބިދޭސީއެއް ތަފާތުކުރުމެއްނެތި، ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކޯވިޑަށް ފަރުވާ ދިނުމާއި، ކޯވިޑް ވެކްސިން ޖެހުމުގައިވެސް ނަސްލީ ތަފާތުކުރުމެއްނެތި، ރާއްޖޭގައި ދަނީ އެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ކޯވިޑަށް ފަރުވާ ދިނުމުގައި ރާއްޖޭގައި އެންމެ އިސް ދައުރެއް އަދާކުރަމުންދަނީ އައި.ޖީ.އެމް.އެޗުންނެވެ. އެގޮތުން ބަލީގައި ބޮޑުވަރުވާ މީހުންނާއި، އައި.ސީ.ޔޫއާއި ވެންޓިލޭޓަރަށް ލާންޖެހޭ މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މި ބައްޔަށް ޓެސްޓްކުރުމަށް ރާއްޖޭގައި ނެގޭ ސާމްޕަލްތަކުގެ ތެރެއިން އެންމެ ގިނަ ސާމްޕަލްތަކެއް ޓެސްޓްކުރަމުންދަނީ އެ ހޮސްޕިޓަލުގައެވެ.

ހަމައެހެންމެ ކޯވިޑަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ޤާއިމުކޮށްފައިވާ މައި މަރުކަޒުކަމަށްވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އޮޕަރޭޝަންތައް ލީޑްކުރަނީވެސް އައި.ޖީ.އެމް.އެޗުންކަން ފާހަގަކޮށްލަންޖެހެއެވެ.