ކޯވިޑް-19

ކޮވިޝީލްޑް ދެ ވަނަ ޑޯޒް ޖަހަން ފަށަނީ


ކޯވިޑް-19އިން ދިފާޢުވުމަށްޖަހާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ނުޖެހިތިބި ފަރާތްތަކަށް ވެކްސިން ދިނުން ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ތައްޔާރުވެފައިވާކަމަށް (އެޗް.ޕީ.އޭ)އިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުޞޫލުންކަމަށެވެ. ރާއްޖޭގައި ކޯވިޝީލްޑް ވެކްސިން ޖަހަން މިފަށަނީ ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިމަހުގެ 4 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗް.ޕީ.އޭއިން ގުޅަމުންދާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. އަދި އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެންދެއްވުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ ދަންނަވާފައެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެންކަމަށްވެސް އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވެއެވެ.

ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި، ވެކްސިން ކާޑު ގެންދަންޖެހޭނެއެވެ. އަދި އެ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީނުގައި ހުރި މީހަކަށް ވެގެންނުވާއެވެ. ކޮންމެ މީހަކުވެސް ވެކްސިން ޖަހަންދާއިރު ގަޔަށްދޫ، ވެކްސިން ޖެހުމަށް ފަސޭހައިން ގޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރަނގަޅަށް ކައިގެން ދިއުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ސަމާލުވުމަށްވެސް އެ އެޖެންސީން އެދިފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ދުނިޔޭގެ ބާޒާރަށް ކޯވިޑާގުޅިގެން ނެރުނު ވެކްސިންތަކުގެ ތެރެއިން ރާއްޖޭގައި ހުއްދަދެވިގެން އެންމެ ފުރަތަމަ ޖަހަންފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ބަޔަކު މިހާތަނަށް ޖަހާފައިވަނީވެސް މި ވެކްސިނެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓްތައް ހޯދުމުގައި ކުރިމަތިވި ދަތިތަކާއެކު ރާއްޖޭގައި މި ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައިއިން ތައްޔާރުކޮށް އުފައްދާ ވެކްސިނެކެވެ. މި ވެކްސިނާގުޅޭގޮތުން އެޗް.ޕީ.އޭއިން މީގެކުރިން ވިދާޅުވެފައިވަނީ ކޮވިޝީލްޑް ވެކްސިނަކީ ރާއްކާތެރިކަމާއި، ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެވިފައިވާ ވެކްސިނެއްކަމަށެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން، ރާއްޖޭގެ އެކި ހިސާބުތަކަށް މި ވެކްސިން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަންވެސް އެ އެޖެންސީން ހާމަކުރައްވައެވެ.