ތަރައްްޤީ

ގަަރާޖުތަކާއި ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރާނީ ރައްޔިތުން ބޭނުންވާނަމަ - ޑރ. މުޢިއްޒު


މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސިޏާޢީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ބަދަލުކުރާނީ ރައްޔިތުން އެކަން ކުރަން ބޭނުންވާނަމަކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ތެރޭގައި ހުރި އެކިކަހަލަ ސިނާޢީ މަސައްކަތް ކުރާ ގަރަޖުތަކާއި، ވޯކްޝޮޕްފަދަ ތަންތަން އާއްމުން ދިރިއުޅޭ ތަންތަނާއި، ވަކިން ބެހެއްޓުމަށްޓަކާ މާލޭ ދެކުނު ފަރާތު ފަޅުން ހިއްކައިގެން ހެދި ސަރަހައްދެކެވެ. ނަމަވެސް މިހާތަނަށްވެސް އެ ސަރަޙައްދަށް ސިނާޢީ މަސައްކަތް ކުރާ ތަންތަން ބަދަލުކުރެވިފައެއް ނުވެއެވެ. އެ ސަރަޙައްދުގެ މަދު ޖާގައެއް ކުއްޔަށް ދީފައިވަނީ ފިއުލް ޝެޑް ހެދުމާއި، ގުދަނާއި، ރެޑީމިކްސް ހެދުމަށާއި އެއްގަމު އުޅަނދު ލައިސަންސް ނެގުމުގެ މަސައްކަތަށެވެ.

މާލޭ ސިޓީގެ މިހާރުގެ ކައުންސިލުގެ މައިގަނޑު ވިސްނުންހުރީ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަކީ އެތަނުގެ ހަޤީޤީ ޕްލޭނާއި އެއްގޮތަށް ސިނާޢީ އެކި ކަހަލަ މަސައްކަތްކުރާ ތަންތަނާއި ގުދަންތައް އެ ސަރަޙައްދަށް ބަދަލުކުރުމެވެ. އަދި އެކަމަށް ތައްޔާރުވުމުގެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެފަދަ ތަންތަނާގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކޮށްފައިވެއެވެ.

ނަމަވެސް ސަރުކާރުގެ ވިސްނުންހުރީ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަޙައްދަކީ ފެހިކަންގަދަ، އިޖްތިމާޢީ އެކިއެކި ކަންކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްފައިވާ ސަރަޙައްދަކަށް ހެދުމެވެ. އަދި އެ ސަރަހައްދު ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުންހުރި ގޮތާގުޅޭ ބައެއް މަޢުލޫމާތުތައް މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީން ވަނީ ހިއްސާކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެކި ކަހަލަ ނުރައްކާތެރި ކެމިކަލް ގުދަންތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަން އާއްމުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ގެންދިއުމަކީ އެއީ ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖަކީ ސީދާ އެ ބޭނުމަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެއްކަމުން ސިޓީ ކައުންސިލުގެ ވިސްނުން ހުރީ އެފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށްކަމަށެވެ. ނަމަވެސް އެކަން ނިންމާނީ ރައްޔިތުންކަމަށް މޭޔަރ ވިދާޅުވިއެވެ.

"ވިސްނުމަކީ މިހާރު މާލޭތެރޭގައި ހުރި ގަރާޖްތަކާއި ގުދަންތަކާއި ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުން. އެއީ ކުރިންސުރެއް އެކަމަށް ޚާއްސަކުރެވިފައިވާ ތަނަކަށްވާތީ. ނަމަވެސް އެކަން ނިންމާނީ މާލޭގެ ރައްޔިތުން. އިންޑަސްޓްރިއަލް ވިލެޖާބެހޭ ބައި ސިޓީ ކައުންސިލުން މިހާރު ފަށާފައިވާ ލޭންޑް ޔޫސް ޕްރޮސެސްގެ ތެރެއިން ރައްޔިތުންގެ ޚިޔާލާއެއްގޮތަށް ކަނޑައަޅާނީ. ކޮންމެގޮތެއްވިޔަސް އެތަންތަން ބަދަލުކުރަންޖެހޭ މާލެތެރެއިން ބޭރަށް" މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އެކި ކަހަލަ ސިނާޢީ މަސައްކަތް ކުރާ 270 ތަނެއް މިވަގުތުވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ވޯކްޝޮޕްގެ ގޮތުގައި ބޭނުންކުރާ 70 ތަނަކާއި، ގަރާޖުގެ ގޮތުގައި ބޭނުންކުރާ 107 ހިމެނޭކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ކުޅި އެޅުމުގެ މައްސަލަ ފަހަކަށް އައިސް އިތުރުވަމުންދާތީ، އެ ސަރަޙައްދު ސާފުކުރުމަށްފަހު، ބެލެހެއްޓުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ފުލުހުންގެ ޕޯސްޓެއް އެތަނުގައި ބެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުންދަނީ ކުރަމުންނެވެ. އަދި މާލޭގެ ޕާކިންގ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެންދެން، އެ ސަރަޙައްދުން ވަގުތީ ޕާކިންގ ސްލޮޓްތަކެއް ދޫކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.