ތަރައްްޤީ

މާލޭ ސިޓީ ވައިފައިކޮށް، ސީސީޓީވީ ކަވަރޭޖް ވަރުގަދަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން - ޑރ.މުޢިއްޒު


މުޅި މާލޭ ސިޓީ ވައިފައިކޮށް، ސީސީޓީވީ ކަވަރޭޖް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލޭ" މަޝްރޫޢުގެ ދަށުންކުރަމުންދާ މަސައްކަތެއްކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީ ވައިފައިކުރުމުގެ މަސައްކަތް ފެށުމަށްޓަކާ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ މައި ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫއާއެކު ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތެރޭ އެ ދެ ކުންފުނީގެ ފަރާތުން މިކަމާގުޅޭ ޕްރޮޕޯސަލް ސިޓީ ކައުންސިލަށް ހުށަޙަޅާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"އެ ޕްރޮސެސް ފެށުމަށްޓަކާ އަޅުގަނޑުމެން ދިރާގާއި އުރީދޫއާއެކުވަނީ ވަރަށް ބިނާކުރަނިވި 2 ބައްދަލުވުމެއް ބޭއްވިފައި. އެބޭފުޅުން ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި އެބޭފުޅުންގެ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ޙަވާލުކުރައްވާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މުޅި މާލެ، މާލޭގެ މަގުތަކާއި އާއްމު މައިދާންތަކާއި، ޕަބްލިކް ސްޕޭސަސްތަކުގައި ވަކި ލިމިޓަކާއި ހަމައަށް ފްރީ އެކްސެސް ވައިފައިން ލިބޭނެގޮތަށް މާލޭ ސިޓީ ބަދަލުކުރުން. އެހެންވީމަ އެކަމަށް މިހާރު މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ ދަންނަވަން" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ "ޓިޖިޓަލް މާލޭ" މަޝްރޫޢުގެ ދަށުން، ސަރވައިލަންސްގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ ސީސީޓީވީ ކަވަރޭޖް ވަރުގަދަކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ވިސްނުންހުރީ މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުންކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ޓެކްނިކަލް ސަރވޭގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ އެންމެ ފުރަތަމަ ސީސީޓީވީ ކަވަރޭޖް އަޅުގަނޑުމެން ޤާއިމުކުރާނެތަނަކީ މިސްކިތްތައްކަމަށް ކަނޑައަޅާފައި. އެނގިވަޑައިގަންނަވާނެފަދައިން ދާދިފަހުން ނޭދެވޭ އަމަލުތަކާއި އެފަދަ ކަންކަން ހިނގަންފަށާފައިވަނީ. އެހެންވީމަ މިސްކިތްތައް ރަނގަޅަށް ބެލެހެއްޓޭނެގޮތެއް ހެދުމުގެގޮތުން އަޅުގަނޑުމެންގެ ސީސީޓީވީ ޕްރޮޖެކްޓުގެ އެންމެ އަމާޒަކީ މިސްކިތްތައް ކަވަރކުރުން. އެހެންވީމަ އެކަމަށްދާނެ ޚަރަދާއި އޭގެ ޓެކްނިކަލް ސަރވޭގެ މަސައްކަތް މިހާރު އެބަކުރިއަށްދޭ" މޭޔަރ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލޭ" މަޝްރޫޢުގެ ދަށުން މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ހިލޭ ވައިފައި ލިބޭނެ އިންތިޒާމް ޤާއިމުކުރުމަކީ އަމާޒެއްކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި މި މަޝްރޫޢާގުޅޭ އިތުރު މަޢުލޫމާތުތައް ސިޓީ ކައުންސިލުން ހާމަކުރައްވާނެކަމަށެވެ. ހަމައެހެންމެ މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ޕާކުތަކާއި މައިޒާންތަކުގައި ސްކޫލް އަދި ކޮލެޖު، ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ކިޔަވަން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.