ކޯވިޑް-19

ދެދުވަހަށްފަހު ކޯވިޑްގައި އިތުރު މީހަކު މަރުވެ ޖުމްލަ ޢަދަދު 208އަށް


ކޯވިޑް ޖެހިގެން 34 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާ ނިޔާވީ މިރޭ 07:30 ހާއިރުއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 208 ވަނަ މީހާއެވެ. ރާއްޖޭގައި ނިޔާވި މީހުންގެ ތެރޭގަ ހިމެނެނީ 190 ދިވެހިންނާއި، 18 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ ފަރުވާދެމުންދިޔަ 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީ ނިމުނު މޭ މަހުއެވެ. މޭ މަހު 80 އަށްވުރެ ގިނަ މީހުން ރާއްޖެއިން ނިޔާވިއެވެ. އެންމެ ގިނަ ކޯވިޑް ކޭސްތައްވެސް ރިޕޯޓްކޮށްފައިވަނީ މެއިމަހުއެވެ.