ތަރައްްޤީ

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް 3 މަހަކީ އެކަށީގެންވާ މުއްދަތެއް - ސުޙައިލް


ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ކުރަންޖެހޭ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތަކީ އެކަންކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙެއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ހައުސިން މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރަމުންދަނީ ހައުސިން ޔުނިޓްތަކަށް ވަދެވޭނެ ދުވަހަކަށެވެ. ނަމަވެސް ފްލެޓްތަކަށް ވަދެވެން އަންނަނީ ހިޔާގެ އެގްރިމެންޓްގެ މަސައްކަތާއި އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްފަހުއެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްތަކުގައި އަންނަ މަހުގެ 14ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓް ލިބުމަށްފަހުވެސް، އެތަނަށް ވަނުމުގެ ކުރިން ގިނަ މަސައްކަތްތައް ކުރަން ޖެހުމެވެ. ފްލެޓްތަކުގައި މުށިޖެހުމާ ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދެނީ ފިނިޝިން މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި މިފަދަ މަސައްކަތެއްކުރުމަށް ގިނަ ބަޔަކަށް ދަތިވާނެތީ، އެ މުއްދަތު އިތުރުކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ވަނީ ސަރުކާރުގައި އެދިފައެވެ.

މިކަމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ސުވާލުކުރުމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙެއިލް އަޙްމަދު ވިދާޅުވީ، ފްލެޓްތަކުގައި ކުރަންހުރި މަސައްކަތްތަކަށް ބަލާއިރު، 3 މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ސަބަބަކާހުރެ އެ މަސައްކަތްކުރުމުގައި ލަސްކަމެއް ނުވަތަ ދަތިކަމެއް ކުރިމަތިވެއްޖެނަމަ އެޗް.ޑީ.ސީން ގޮތެއް ނިންމުމުގައި އެކަންކަމަށް ރިޢާޔަތްކުރައްވާނެކަމަށް ސުޙެއިލް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ޤަބޫލުކުރަން އެއްފަހަރާއި ވަރަށް ގިނަ ބަޔަކު ހަދަން މިއުޅެނީ. ރާއްޖެއަކީ ކޮންސްޓްރަކްޝަން ހުރިހާ މެޓީރިއަލެއް އިމްޕޯޓުކޮށްގެން މަސައްކަތް ކުރާ ޤައުމެއް. އެހެންވީމަ އެކަމުގައި ދިމާވާ ގޮންޖެހުންތަކެއް ހުރެއްޖެއްޔާ އަޅުގަނޑުމެން ކޮންސިޑަރކުރާނަން. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ 3 މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް" ސުޙެއިލް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢަށް ބަލާއިރު، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޝަޢުގުވެރިކަން ފާޅުކުރި 5 ކޮންޓްރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ޔުނިޓަކަށް 50 ހާހާއި 52 ހާސް ޑޮލަރާއި ދެމެދުގެ އަގުތައް ހުށަހަޅާފައިވަނިކޮށް، ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ޔުނިޓަކަށް 62 ހާސް ޑޮލަރު ހުށަހެޅި ކުންފުންޏާއެވެ. އަދި ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކޮށްފައިވަނީ، ޔުނިޓްތަކުގެ އެތެރޭގައި ކުރަންޖެހޭ ފިނިޝިންގގެ ގިނަ ކަންކަން ނުހިމަނައެވެ. މީގެ ސަބަބުން ފިނިޝިން ހުރިހާ މަސައްކަތްތައް މިހާރު ކުރަންޖެހެނީ ހައުސިން ޔުނިޓްތަކުގެ ވެރިންގެ ޚަރަދުގައެވެ.


7000 ހައުސިންގ ޔުނިޓުގެ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ގުރުއަތުނެގުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ފްލެޓްތަކުގެ ވެރިފަރާތާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހު 14 ގައި ފެށުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ. މިކަން ކުރިއަށްދާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ކަމަށާއި، އެގްރީމެންޓްތަކުގައި ސޮއިކުރުމަށްދާންޖެހޭ ގަޑިއާއި ތާރީޚު ވެރިފަރާތްތަކަށް ދުރާލާ އަންގަމުންދާނެކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.