ތަޢުލީމު

އައްޑޫ ފްލައިން ސްކޫލުގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފި


އައްޑޫ ސިޓީގައި ހިންގަމުންދާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފިއެވެ.

ވަރޗުއަލްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކަމާގުޅޭ އެއްބަސްވުމުގައި އައްޑޫ ފްލައިން ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްއާއި އެވިޑް ކޮލެޖާއި ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ޢަބްދުﷲ މުސްތާޤު ރަޝާދެވެ. މިއީ ދިވެހި ކުންފުންޏަކުން ރާއްޖޭގައި އިފްތިތާޙްކުރި ފުރަތަމަ އަމިއްލަ ފްލައިން ސްކޫލެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ، އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުގެ ހުރިހާ ތަކެއްޗެއް ހިމެނޭހެން މިލްކިއްޔާތު އެއްކޮށްގަތުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދީ، ދަރިވަރުންނާއި ގުޅިގެން މަސައްކަތް ކުރުންކަމަށެވެ. އަދި އަލަށް އިފްތިތާޙްކުރި "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" ވެގެންދާނީ ހަމައެކަނި ޕައިލެޓުން ތަމްރީންކުރާނެ ފެކަލްޓީއަކަށްނޫންކަމަށާއި، ކެބިން ކްރޫއިންނާއި ފްލައިޓް އިންޖިނިއަރިން ފަދަ އޭވިއޭޝަނާގުޅުންހުރި ތަފާތު ދާއިރާތަކުން ޚާއްސަ ކޯސްތައް ދިވެހި ދަރިވަރުންނަށް މި ފެކަލްޓީން ފޯރުކޮށްދޭނެ ކަމަށް މުސްތާޤު ވިދާޅުވިއެވެ.

އެގޮތުން އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ހިންގާ ތަފާތު ތަމްރީން ޕްރޮގްރާމްތައް ތަޢާރަފުކުރުމަށް ކަމާގުޅޭ ތަޖުރިބާކާރުންނާއެކު މިހާރުވެސް މަޝްވަރާކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއްދޭނީ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ދަަރިވަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދީ، އެކުންދިންގެ ކިޔެވުން ފުރިހަމަކޮށްދިނުމަށްކަމަށް މުސްތާޤު ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި އިސްކަންދޭނީ ފްލައިން ސްކޫލުގައި ތިބި 170 ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ކޯސް ވީ އެންމެއަވަހަށް ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް." މުސްތާގު ވިދާޅުވިއެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ލައިސަންސް އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްއަށް ދީފައިއޮތްނަމަވެސް އެވިޑް ކޮލެޖުގެ އަމިއްލަ ލައިސަންސެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެކަމަށް ގާތްގަނޑަކަށް 6 މަސް ދުވަހުގެ މުއްދަތެއް ނަގާނެކަމަށް މުސްތާޤު ވިދާޅުވިއެވެ.

ނަމަވެސް ދަރިވަރުންނަށް މިހާރުން މިހާރަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްއަށް ދޫކޮށްފައިވާ ލައިންސަންސްގައި ފޯރުކޮށްދެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ފްލައިން ސްކޫލުގައި އުދުހުމުގެ ކަންކަން ފެށޭވަރުވާނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައިކަމަށާއި ނަމަވެސް އޭގެ ކުރިން ދަރިވަރުން އިމްތިޙާނަށް ތައްޔާރުކޮށްދިނުން ފަދަ ކަންކަން ފަށައިގަތުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްޑޫ ފްލައިން ސްކޫލުގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެފައިވާއިރު، ފްލައިން ސްކޫލުގައި ބޭނުންކުރުމަށް އައު ބޯޓެއް ގަތުމުގެ މަސައްކަތްވެސް އެ ކޮލެޖުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބޯޓު ގަތުމަށް ފުރަތަމަ ދައްކަންޖެހޭ ޖުމްލަ އަގުގެ 25 އިންސައްތަ މި ހަފުތާގެ ތެރޭގައި ދައްކާ ނިންމާލެވޭނެކަމަށް އެވިޑް ކޮލެޖުން ވަނީ ހާމަކުރައްވާފައެވެ. އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވެފައި މިވަނީ އެ ސްކޫލާގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންގެ ގިނަ ޝަކުވާތަކަކާއި ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތިވެ، އެތަނުގެ ބައެއް ވެރިންނާމެދު ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅުއަޅާފައިވަނިކޮށެވެ.