ކޯވިޑް-19އާ ގުޅިގެން ބ.އޭދަފުށި މޮނިޓަރިންގައި އޮންނަތާ ދެމަހަށްވުރެ ގިނަދުވަސް ވެފައިވާއިރު މިހާތަނަށް އެރަށުން 314 މީހަކަށް ކޯވިޑް ބަލިޖެހިފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރޯގާގެ ޢާލާމާތްތަކެއް ހުރެގެގެން ފްލޫ ކްލިނިކުގެ ޑޮކްޓަރަށް ދެއްކި މީހެއްގެ ގައިން މިބަލި ފެނި އޭދަފުށި މޮނިޓަރިންނަށް ލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 19ވަނަ ދުވަހުއެވެ.
އޭޕްރީލް މަހުގެ 19ވަނަ ދުވަހުން ފެށިގެން މިއަދާހަމަށްއައިރު، ބ.އޭދަފުށިން 314 މީހަކު ކޯވިޑަށް ޕޮޒިޓިވްވިނަމަވެސް މިހާރު މިބަލިން ރަގަޅު ނުވެ އެރަށުގައި ތިބީ 26 މީހުންނެވެ. މިހާތަނަށް މިބަލި އެރަށުގައި އޮތް މިންވަރު ދެނެގަތުމަށް 2،960 ސާމްޕަލްއެއްވަނީ ނަގާފައެވެ. މީގެތެރެއިން ނެގެޓިވް ވެފައިވަނީ 2،603 މީހެއްގެ ސާމްޕަލެވެ. މިބަލީގައި މިހާތަނަށް އެރަށުން ދެމީހަކުވަނީ ނިޔާވެފައެވެ.
އެރަށް މޮނިޓަރިންއިން ނެގުމަށް އެރަށު ކައުންސިލާއި ހޮސްޕިޓަލް ގުޅިގެން އަންނަނީ ރެންޑަމްކޮށް ސާމްޕަލްތައް ނަގަމުންނެވެ. މީގެެތެރެއިން ބައެއް މީހުންގެ ގައިން ބަލި ފެނި ކުޑަކުދިން މިބައްޔަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދިއުމާއެކު ރަށުގައި އޮތް ކާފިއުގެ ވަގުތު އަނެއްކާވެސް އިތުރުކުރިއެވެ.
އެންމެ ފުރަތަމަ ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 10ވަނަ ދުވަހުއެވެ. އެއަށްފަހު ބަލި ފެންނަ މިންވަރު ދަށަށްދާން ފެށުމާ ގުޅިގެން ކާފިއު ވަގުތު ރޭގަނޑު 9:00އިން ފަތިހު 4:00އަށް ބަދަލުކުރިއެވެ. އެއަށްފަހު އަނެއްކާވެސް ކާފިއު ހަވީރު 4:00އިން ފަތިހު 4:00އަށް ބަދަލުކުރިއެވެ. ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެރަށު ކައުންސިލާ އަތޮޅު ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތްތަކަށް އަދިވެސް ރައްޔިތުންގެ އެއްބާރުލުމަށް އެއިދާރާތަކުން އެދެއެވެ.
އޭދަފުށީގެ އިތުރުން އެއަތޮޅު ތުޅާދުއާއި ކެންދޫންވެސް މިބަލި ފެނި އޮތީ މޮނިޓަރިންގައެވެ. މިދިޔަ މަހުގެ 27ވަނަ ދުވަހު ބަލި ފެނުނު ކެންދޫން 76 މީހަކަށް ވަނީ މިބަލި ޖެހިފައެވެ. މީގެތެރެއިން 36 މީހަކު ބަލިން ރަގަޅުވެފައިވެއެވެ. އަދި ޖުމްލަ 828 ސާމްޕަލެއްވަނީ އެރަށުން ވަނީ ނަގާފައެވެ. ތުޅާދޫން 75 މީހަކަށް ބަލި ޖެހިފައިވެއެވެ. މިބަލިން ރަގަޅު ނުވެ އެރަށުގައި ތިބީ 7 މީހެކެވެ. މި ތިން ރަށުންވެސް ބަލި ފެންނަ މިންވަރު މިހާރު ދަށަށް ދާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.