ވިޔަފާރި

ކޯވިޑާއި ގުޅިގެން މިދިޔަ ހަފްތާގައި ކުރި ޚަރަދުތައް 73 މިލިއަން ރުފިޔާގައި


ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިދިޔަ ހަފްތާތެރޭގައި 73 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއާއެކު މިހާތަނަށް 3.5 ބިލިއަން ރުފިޔާ ވަނީ ކޯވިޑްގެ ކަންކަމަށް ސަރުކާރުން ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ކުރެވުނު ޚަރަދަކީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު %4.2 އިތުރު އަދަދެކެވެ.

ކޯވިޑުގެ ހާލަތުން އަރައިގަތުމަށް 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މީގެތެރެއިން 1.8 ބިލިއަން ރުފިޔާއަކީ ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ކޮށްފައިވާ ޙަރަދެވެ. އަދި ބާކީ 1.7 ބިލިއަން ރުފިޔާއަކީ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް ކޮށްފައިވާ ޚަރަދުކޮށްފައެވެ.

މިދިޔަ ހަފްތާގައި އެންމެ ބޮޑު ޙަރަދެއް ހިނގާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކަށެވެ. މި ޙަރަދުގެ ބޮޑުބަޔަކީ ކޯވިޑަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށާއި، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހިންގާފައިވާ ޙަރަދެކެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 783 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 566 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

3 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗެށެވެ. އެ ހޮސްޕިޓަލަށްވަނީ 145 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ކޯވިޑް-19އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ހިންގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 847 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.7 ބިލިއަން ޚަރަދުކޮށްފައިވާއިރު މިއީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމްއަށް މިހާތަނަށް ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދީފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 143 މިލިއަން ރުފިޔާ، އަދި ފެން ބިލްތަކަށް ޑިސްކައުންޓްގެ ގޮތުގައި 26 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.