ކޯވިޑް-19

ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީ ކުރިއަށްއޮތް 3 ހަފްތާ ތެރޭގައި ބޭނުންކުރަން ފެށޭނެ - މަބްރޫކް


ކޯވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީ ކުރިއަށްއޮތް 3 ހަފްތާ ތެރޭ އޮޕަރޭޝަނަށް ގެނެވޭ ވަރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މި ފެސިލިޓީ ވެގެންދާނީ ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާނެ ދާއިމީ ފެސިލިޓީއަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗް.ޑީ.ސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ. އިމާރާތަށް ބައެއް ބަދަލުތައް ގެނެސްގެން ހަދާ މި ފެސިލިޓީގެ ހުރިހާ މަސައްކަތެއް ކުރަނީ އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ. މި ފެސިލިޓީ ހަދަނީ 3 ފަންގިފިލާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފެސިލިޓީގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އަދި އިމާރާތުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތްތަކެއް 3 ހަފްތާއެއް ތެރޭ ނިންމައި އޮކްސިޖަން ސިލިންޑަރު ބޭނުންކޮށްގެން ޚިދުމަތްދޭން ފެށޭވަރުވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި ފެސިލިޓީ ހެދުމުގައި ސަރުކާރުގެ ވިސްނުންހުރީ އޮކްސިޖަން ސިލިންޑަރު އެއްތަނުން އަނެއްތަނަށް އުފުލުމުގެ ބަދަލުގައި، އޮކްސިޖަން ސްޓޭޝަނަކުން ޕައިޕް މެދުވެރިކޮށް އޮކްސިޖަން ބޭނުންކުރެވޭގޮތް ހެދުންކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެންނަންޖެހޭތީ، އެކަންކުރުމަށް 2 މަހެއްހައި ދުވަސްނަގާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މި ފެސިލިޓީ ވެގެންދާނީ ކޯވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް ކުރިމަތިވިޔަސް ފަރުވާގެ ކަންކަމަށް ދަތިނުވާނެހެން ކުރިއަށްގެންދެވޭނެ ތަނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިސްނުންހުރީ މިފެސިލިޓީގައި އޮކްސިޖަން ޕައިޕް އެޅުމަށް. ސިލިންޑަރުތައް މޫވްކުރުމުގެ ބަދަލުގައި އޮކްސިޖަން ސްޓޭޝަނަކުން ހޮޅިއަޅައިގެން އޮކްސިޖަން ބޭނުންކުރެވޭގޮތަށް. އެކަން ކުރުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެންނަންޖެހޭތީ އެކަމާ އެކީގައި 2 މަހުގެ މުއްދަތެއްނަގާނެ. އެހެންނަމަވެސް ފެސިލިޓީގެ އިންފްރާސްޓްރަކްޗަރ އެއަށްވުރެ ކުރިން ނިމޭނެ. މި ފެސިލިޓީ ވެގެންދާނީ ކޯވިޑްގެ ތެރެއިން އަޅުގަނޑުމެން މިކުރާ ދަތުރުގެ ތެރެއިން އިތުރު ރާޅެއް އެރިކަމުގައިވިޔަސްވެސް އަޅުގަނޑުމެންގެ ކެޕޭސިޓީ ރަނގަޅަށް ހިފެހެއްޓިފައި ހުރުމަށްޓަކާ ބޭނުންކުރެވޭނެ ފެސިލީޓީއަކަށް" މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތް ފަށާފައިވަނީ މިމަހުއެވެ. އެޗް.ޑީ.ސީން ވިދާޅުވެފައިވަނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ ވީހާވެސް އަވަހަށް ފެސިލިޓީގެ މަސައްކަތް ނިންމާ، ސަރުކާރާއި ހަވާލުކުރުމަށްކަމަށެވެ. ފެސިލިޓީގައި މިހާރު ކުރިއަށްދަނީ ރޭމްޕް ހެދުމާއި، ޓްރައޭޖް އޭރިއާގެ ފާޚާނާ ހެދުމާއި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތަކެވެ. މި ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކޯވިޑަށް ފަރުވާދިނުމަށް ފުރަތަމަ ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގައެވެ. ނަމަވެސް މިދިޔަ އަހަރު ޖޫންގައިވަނީ ހުޅުމާލޭގަ "ކޯވިޑް މެޑިކަލް ފެސިލިޓީ" ހަދާ، އެތަނުގައި ކޯވިޑާ ގުޅުންހުރި ފަރުވާދޭން ފަށާފައެވެ. މި ފެސިލިޓީގެ ޚިދުމަތްފެށީ 290 އެނދާއެކުއެވެ. ނަމަވެސް ފަހުންވަނީ އެނދުގެ އަދަދު އިތުރުކޮށްފައެވެ. އަދި މިދިޔަ މަހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ބައެއްވެސް ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. މިއީ 120 އެނދުގެ ފެސިލިޓީއެކެވެ.