ކޯވިޑާއެކުވެސް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. އެގޮތުން މިވަގުތުވެސް 1،500އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑްގެ މިޙާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްޤީއާ ގުޅުންހުރި މުހިންމު މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްދާކަމަށެވެ. އެގޮތުން މިވަގުތުވެސް 1،566 މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ޕްލޭނިން މަރުޙަލާއާއި ބީލަމުގެ މަރުޙަލާގައިވެސް ގިނަ މަޝްރޫޢުތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފާއިތުވި މަހު 3 މަޝްރޫޢުގެ މަސައްކަތް ނިމިފަވޭ. އަދި 5، އައު މަޝްރޫޢުގެ މަސައްކަތްވަނީ ބަޔަކާ ހަވާލުކޮށްފައި. މި ހަފްތާގައިވެސް 2 މަޝްރޫޢެއްގައި ސޮއިކޮށްފި." މަބްރޫކް ވިދާޅުވިއެވެ.
ނިމިދިޔަ މަހުގެ ތެރޭގައި ޙަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ވ.ކެޔޮދުއާއި ށ.ލަންދޫގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތާއި އަލިފުށީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ހިމެނެއެވެ.
ޢަމަލީ މަސައްކަތް ފެށި ކަންކަމުގެ ތެރޭގަ ރ.ހުޅުދުއްފާރާއި ހއ.ވަށަފަރު ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ޢިމާރާތުގެ އެކްސްޓެންޝަން މަސައްކަތާއި ލ.މާމެންދޫގެ ސިއްޙީ މަރުކަޒުގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތާއި ތުލުސްދޫ އައުޓްޑޯ ޖިމް ގެ މަސައްކަތުގެ އިތުރުން އައްޑޫ ހުޅުދޫ މީދޫ މަތިކިޅި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރަށްވެސް ރަށްރަށުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ބީލަމުގެ މަސައްކަތްތައްފަދަ ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.
ކޯވިޑްގެ މިޙާލަތުގައި ގިނަ ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި މުހިންމު މަޝްރުޢުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތަުން މަބްރޫކްވަނީ ދެއްވާފައެވެ.