ތަރައްްޤީ

ސަރުކާރުގެ "ގެދޮރުވެރިޔާ ލޯނު" މިރޭ އިފްތިތާހުކުރަނީ


ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ސަރުކާރުން ތަޢާރަފުކުރާ "ގެދޮރުވެރިޔާ ލޯނު" މިރޭ އިފްތިތާޙްކުރާނެއެވެ.

"ގެދޮރުވެރިޔާ ލޯނު" އިފްތިތާޙްކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ މިރޭ 21:30 ގައެވެ. މި ރަސްމިއްޔާތު ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.

"ގެދޮރުވެރިޔާ ލޯނު"ގެ ނަމުގައި ޚާއްސަ ލޯން ސްކީމެއް ތަޢާރަފުކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ ހައުސިންގ ލޯނު ސްކީމަށް ކުރިމަތިލުމަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ލޯން ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ލޯން ސްކީމެއް ނަމަވެސް، މީގެ ތެރެއިން އަތޮޅުތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި މި ލޯނު ސްކީމް ވެގެންދާނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމަށް ހުޅުވިގެންދާ އިތުރު ދޮރެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މި ލޯނު ސްކީމާގުޅޭ ތަފްޞީލު މިރޭ އޮންނަ ރަސްމިއްޔާތުގައި ސަރުކާރުން ހާމަކުރައްވާނެއެވެ.

ރާއްޖެއަށް މުހިންމީ ދެކޮޅުޖެހޭ، އަދި ސަރުކާރަށްވެސް އާއްމުންނަށްވެސް މާލީގޮތުން ބުރައަކަށް ނުވާނެ ބޯހިޔާވަހިކަމުގެ ޙައްލެއް ހޯދުންކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ކައުންސިލްތަކަށް ކުރެވޭނެ މުހިންމު ކަންކަން ހުރިކަމަށާ، މިފަދަ ކަންކަމަށް ކުރިމަގުގައި ބާރުއެޅިއްޖެނަމަ އާއްމު ރައްޔިތުންނަށް އޭގެ މަންފާކުރާ މިންވަރު ބޮޑުވާނެކަމަށް ވިދާޅުވެފައިވެއެވެ.

2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ އިކުއިޓީ ދިނުމަށް ޖާގަދީފައިވެއެވެ. މިއީ ދާއިމީގޮތެއްގައި އަހަރަކު 2000 ހައުސިންގ ޔުނިޓުގެ އިކުއިޓީ ދެވޭނެގޮތަށް ބަޖެޓުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން 2021 ވަނަ އަހަރު އަލަށް ފަށާ ނޭޝެނަލް ސޯޝަލް ހައުސިންގ މަޝްރޫޢަށް 496.1 މިލިއަން ރުފިޔާ އާންމު ބަޖެޓުން އިކުއިޓީގެ ގޮތުގައި ދިނުމަށް ރާވާފައިވެއެވެ.

މީގެ އިތުރުން އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓުގެ ދަށުން 85.0 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި ހިނގަމުންދާ މ. ކޮޅުފުށި، ބ. ތުޅާދޫ، ޅ. ނައިފަރު، ތ. ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢުތަކަށް ޖުމްލަ 76.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވާއިރު، ހދ. ކުޅުދުއްފުށީގައި 105 ހައުސިންގ ޔުނިޓް އެޅުމަށް 10.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.